ފޮޓޯ - އެމެރިކާގެ ބައެއް ނޫސް މީޑިއާތަކުން ނަގާފައި -
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިވި ކެއުމެއްގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ޓްރަމްޕް އާއި އެ ތަނުގައި ތިބި އެމެރިކާގެ އިސް ވެރީން ސަލާމަތުގެ އައްސޭރިއަށް ގެންގޮސްފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ ވޮޝިންގްޓަން ޑީސީގެ ހިލްޓަން ހޮޓެލްގައި ހޮނިހިރު ދުވަހުގެ ރޭ (ރާއްޖޭ ގަޑީން ބަލަނީނަމަ މިއަދު ފަތިހު) ބޭއްވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން (ޑަބްލިއުއެޗްސީއޭ) ގެ އަހަރީ ފަރިއްކޮޅުގެ ތެރޭގައެވެ. ޓްރަމްޕް އާއި ފަސްޓް ލޭޑީ މެލާނިއާ، ނައިބު ރައީސް ޖޭ.ޑީ. ވޭންސް، ހާރިޖީ ވަޒީރު މާކޯ ރޫބިއޯ، ތައުލީމާ ބެހޭ ވަޒީރު ލިންޑާ މެކްމަހަން އަދި ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވެސް އެ ވަގުތު އެ ތަނުގައި ތިއްބެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަޑީގެ ހަމަލާ ދިން މީހާ ހުރީ ހިލްޓަން ހޮޓަލުގެ ލޮބީގައެވެ.
ބަޑީގެ އަޑު އިވުމާއެކު، ކެއުމުގައި ތިބި އެތައް ސަތޭކަ ނޫސްވެރިންނާއި ދަޢުވަތު ދެވުނު މެހެމާނުން ސަލާމަތް ހޯދުމަށް މޭޒުތަކުގެ ދަށަށް ވަތްން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑެޑްލައިން ނޫހުގެ ނޫސްވެރިޔާ ޓެޑް ޖޯންސަން ބުނީ، ބޯޅަ ދަނޑުގެ ބޭރުގައި ހުންނަ ހޯލުން ހަތަރު ވަރަކަށް ބަޑީގެ އަޑު އިވުނު ކަމަށެވެ. ސީއެންއެންގެ ކޮލިންސް ބުނީ، "ޕޮޕް، ޕޮޕް، ޕޮޕް، ޕޮޕް" އިވިފައި، ފަސް ވަރަކަށް ބަޑީގެ އަޑު އިވުނު ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަން މިހާތަނަށް ކަށަވަރުވެފައި ނެތް ކަމަށާއި، ޓްރަމްޕް އާއި ނައިބު ރައީސް ވޭންސް ވެސް ހާނީއްކައެއް ނުވެ ސަލާމަތުން ތިބި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނެއެވެ. ބަޑި ޖެހި ވަގުތު ޓްރަމްޕް ހުރީ ތަޤްރީރު ދިނުމުގެ ކުރިން، ޑައީސްގައި ކަމަށާއި، ހާދިސާއާ ގުޅިގެން ޓްރަމްޕް އޭނާގެ ތަޤްރީރު ނުދީ ދިޔަ ކަމަށް ފޮކްސް ނިއުސް އިން ރިޕޯޓުކޮށްފައިވެއެވެ.
ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަންގެ ފަރިއްކޮޅަކީ ކޮންމެ އަހަރަކުވެސް އެމެރިކާގެ ނޫސްވެރިންނާއި ވައިޓް ހައުސްގެ އިސް ވެރީން އެއް ތަނަކަށް އެއްވެ ބާއްވާ ކެއުމެކެވެ. ރައީސެއްގެ ހައިޘިއްޔަތުން ޓްރަމްޕް މި ކެއުމުގައި ބައިވެރިވި މިއީ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ދައުރުގައި ވެސް، އަދި މި ދައުރުގެ ފުރަތަމަ އަހަރު ވެސް ޓްރަމްޕް މި ކެއުމުގައި ބައިވެރިވެފައި ނުވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ޝޫޓަރުގެ މަޢުލޫމާތާއި އަދި އޭނާ ބަޑި ޖެހި ސަބަބު މިހާތަނަށް އަދި ސާފެއް ނޫނެވެ. މި ހާދިސާގެ ތަޙުޤީޤު އަދި ކުރިއަށް ދާއިރު ތަފްޞީލް ފަހުން ހާމަކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް