ރާއްޖެ އައި އިންޑިއާ ދެ ޒުވާނެއްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލަ - އިންޑިއާކޮޅުން ދިނީ ހިލޭ ދަންތުރަ ދަތުރެއް

ރާއްޖޭން 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ ޒުވާނުން ރާއްޖެ ފޮނުވުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ދެ މީހެއްގެ މައްޗަށް، އިންޑިއާގެ ފުލުހުން ތަޙުޤީޤު ފަށ...

26 Apr 2026 | 00:00
N/A

N/A

ރާއްޖޭން 6.7 ކިލޯ ހަޝިޝް އޮއިލް އާއެކު ހައްޔަރުކޮށްފައިވާ އިންޑިއާގެ ދެ ޒުވާނުން ރާއްޖެ ފޮނުވުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ދެ މީހެއްގެ މައްޗަށް، އިންޑިއާގެ ފުލުހުން ތަޙުޤީޤު ފަށައިފިއެވެ.

ތަމިލްނާޑޫ ސްޓޭޓުގެ އެރޯޑު ޑިސްޓްރިކްޓުގެ ފުލުހުން ހޮނިހިރު ދުވަހު މި މައްސަލަ ރަޖިސްޓަރީކޮށްފައިވަނީ، ރާއްޖޭން ހައްޔަރުކޮށްފައިވާ 19 އަހަރުގެ ޒުވާނާގެ މަންމަ، 38 އަހަރުގެ އަންހެނަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް އިންޑިއާގެ "ދަ ހިންދޫ" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ހިންދޫ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ތުހުމަތު ކުރެވެނީ ޕެރިޔަވަލަސޫގެ ކިޝޯރުކުމާރު އާއި ތިރުއްޕޫރުގެ އަފްރުތީންގެ މައްޗަށެވެ. ކިޝޯރުކުމާރަކީ "މެޓަވޭލް" ނަމުގައި މަލްޓި-ލެވެލް މާކެޓިންގ ކުންފުންޏެއް ހިންގާ ފަރާތެކެވެ.

ޝަކުވާގައި ބުނެފައިވާ ގޮތުން، ދެ ޒުވާނުންނަށް ރާއްޖޭގެ ހިލޭ ދަތުރެއް ދޭނެކަމުގެ ވާހަކަ ދައްކައި، މާރިޗު 1 ވަނަ ދުވަހު ބެންގަލޫރަށް ގެންދިޔައީ ކިޝޯރުކުމާރު އާއި އަފްރުތީންއެވެ. ބެންގަލޫރުގެ ހޮޓަލެއްގައި ތިއްބައި، މާރިޗު 2 ވަނަ ދުވަހުގެ ރޭ ނުދަންނަ ފިރިހެނަކު އެ ދެ ޒުވާނުންނާ ހަވާލުކުރީ "ޝޭމްޕޫ" ކަމަށް ބުނެ ހަ ފުޅި ކަމަށާއި، އެ ފުޅިތައް ރާއްޖޭގައި ބަޔަކު ބަލައި އަންނާނެ ކަމަށް ބުނި ކަމަށް ޝަކުވާގައި ވެއެވެ.

އެ ފުޅިތައް ހިފައިގެން ރާއްޖެ އައި ޒުވާނުން މާރިޗު 3 ވަނަ ދުވަހު ރާއްޖޭގެ އެއާޕޯޓުން ޗެކްކުރިއިރު، ފުޅިތަކުގައި ހުރީ 6.7 ކިލޯ ހަޝިޝް އޮއިލް ކަން ހާމަވިއެވެ.

ހިންދޫ ނޫހުން ބުނާގޮތުގައި، ކިޝޯރުކުމާރު އާއި އަފްރުތީންއާ ދެކޮޅަށް އިންޑިއާގެ ފުލުހުން މައްސަލަ ރަޖިސްޓަރީކޮށްފައިވަނީ އިންޑިއާގެ "ނާކޮޓިކް ޑްރަގްސް އެންޑް ސައިކޮޓްރޮޕިކް ސަބްސްޓަންސަސް އެކްޓް 1985" ގެ ދަށުންނެވެ.

މި މައްސަލާގައި ރާއްޖޭން ހައްޔަރުކޮށްފައިވަނީ ކަތިރިވިލް މަނިމަރަން (21) އާއި ދަނޫޝްކާނދަން ގޯޕާލް (19) ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގެއެވެ. މި ދެ މީހުން މިހާރު ބަންދުކޮށްފައި ތިބީ މޭ 8 ވަނަ ދުވަހާ ހަމައަށް 30 ދުވަހުގެ މުއްދަތަކަށް ކަސްޓޯޑިއަލް ޖަލުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް