ފީޑިން ޓިއުބު ލިބުން ލަސްވެގެން ކުޑަކުއްޖަކު ނިޔާވި މައްސަލަ ހެލްތު މިނިސްޓްރީން ބަލަނީ

ކާންބޯން ދިނުމަށް ބޭނުންކުރާ ޕެގް ޓިއުބު ލިބުން ލަސްވުމުގެ ސަބަބުން ހާލަތު ގޯސްވެ، މ. ޗީޒް އިބްރާހިމް އަޛާން ސުހައިލް ނިޔާވި މައްސަލަ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް މިނިސް...

26 Mar 2026 | 11:50
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް

ކާންބޯން ދިނުމަށް ބޭނުންކުރާ ޕެގް ޓިއުބު ލިބުން ލަސްވުމުގެ

ސަބަބުން ހާލަތު ގޯސްވެ، މ. ޗީޒް އިބްރާހިމް އަޛާން ސުހައިލް ނިޔާވި މައްސަލަ

ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ހެލްތުން

ހާމަކޮށްފިއެވެ.

އުފަންވީއްސުރެ ސެރެބްރަލް ޕަލްސީއަށް ފަރުވާ ހޯދަމުންދިޔަ

އަޛާންއަކީ އޭނާގެ ބަނޑަށް ލައްވާފައިވާ ޕެގް ޓިއުބެއްގެ އެހީގައި ކެއިންބުއިން

ކުރިއަށްގެންދާ ކުއްޖެކެވެ. މިއީ އޭނާގެ ހަށިގަނޑަށް ބޭނުންވާ ކާނާ ފޯރުކޮށްދޭ

ހަމައެކަނި ވަސީލަތެވެ.

އަޛާންގެ މަންމަ ސޯޝަލް މީޑިއާގައި ހިއްސާކުރި ގޮތުގައި،

އައު ޓިއުބެއް ހޯދުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހު އެސްޓީއޯއަށް ހުށަހެޅި

ނަމަވެސް، އަށް މަސް ފާއިތުވީއިރުވެސް އެ ލިބިފައެއް ނުވެއެވެ.

އޭނާގެ މަންމަ ބުނި ގޮތުގައި ހުޅުމާލޭގައި ހުންނަ އެސްޓީއޯ

ފާމަސީން ތަކުރާރުކޮށް މައުލޫމާތު ހޯދުމުން، އެންސްޕާއިން އެކަން ހުއްދަ ނުކުރާ

ކަމަށް ބުނެފައިވެއެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ކަމާބެހޭ ފަރާތްތަކުގެ އިހުމާލާ

މެދު ސުވާލު އުފައްދައި، ކުއްޖާގެ ފުރާނައާ ގުޅިފައިވާ މުހިންމު ވަސީލަތެއް

ހޯދުމަށް އެހާ ގިނަ ދުވަސް ހޭދަވާންޖެހުނު ސަބަބާ މެދު ކަންބޮޑުވުން

ފާޅުކޮށްފައެވެ.

އިއްޔެ އަޛާން ނިޔާވިއިރު، އައު ޓިއުބު ލިބުނު ނަމަވެސް އޭރު

އޭނާގެ ހާލު ހުރި ގޮތުން އެ ލެއްވޭނެ ފުރުސަތެއް ނުލިބުނެވެ. މި ހިތާމަވެރި ހާދިސާއާ

ގުޅިގެން ސަރުކާރުގެ ސިއްހީ ނިޒާމަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު،

ހެލްތު މިނިސްޓްރީން ބުނީ މި މައްސަލަ ވަރަށް ސީރިއަސްކޮސް ބަލައި، އިހުމާލެއް

ވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް