އިންވެސްޓަރުންނަށް ރެސިޑެންސީ ޕްރޮގްރާމް އަންނަ މަހު ތަޢާރަފްކުރަނީ

އިންވެސްޓަރުންނަށް އަމާޒުކޮށްގެން ތަޢާރަފްކުރާ 'ޕާލް ރެސިޑެންސީ' ވިސާ އަންނަ މަހުގެ ތެރޭގައި އިފްތިތާޙްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސ...

26 Mar 2026 | 08:12
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު /ފޮޓޯ: އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު /ފޮޓޯ: އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ

އިންވެސްޓަރުންނަށް

އަމާޒުކޮށްގެން ތަޢާރަފްކުރާ 'ޕާލް ރެސިޑެންސީ' ވިސާ އަންނަ މަހުގެ ތެރޭގައި

އިފްތިތާޙްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި

ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ހާމަކުރައްވައިފިއެވެ.

މިއީ ރާއްޖޭގެ އިޤްތިޞާދީ ދާއިރާ ފުޅާކޮށް، އާމްދަނީ

ލިބޭނެ އާ މަގުތައް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ޕްރޮގްރާމް ފަރުމާކުރުމުގެ ޒިންމާ ހަވާލުކޮށްފައިވަނީ

ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 'ހެންލީ އެންޑް ޕާޓްނާސް' (އެޗްއެންޕީ)

ކުންފުންޏާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރު

ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި

އިންވެސްޓަރުންގެ ފޯރަމްގައެވެ. މި ވިސާގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ބޮޑެތި

އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ގިނަ ދުވަހު ރާއްޖޭގައި ތިބެވޭނެ ގާނޫނީ

އިންތިޒާމެއް ހަމަޖައްސައިދިނުމެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

ވަޒީރު ސަޢީދު ވިދާޅުވީ، މި ޕްރޮގްރާމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު

އެކުލަވާލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހާ ގުޅިގެން މިހާރު ކުރިއަށްދާ

ކަމަށެވެ. އަދި އަމާޒަކީ އަންނަ އޭޕްރީލް މަހު މި ޚިދުމަތް ރަސްމީކޮށް ފެށުން

ކަމަށާއި، މިއީ ދުބާއީގައި އޮންނަ 'ގޯލްޑެން ވިސާ' އާ އެއްފަދަ، އެހެންނަމަވެސް

ރާއްޖެއަށް ޚާއްސަ ޕްރޮގްރާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން، މިފަދަ

ޕްރޮގްރާމެއް ފެށުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް އެޗްއެންޕީ

ކުންފުނިން ލަފާދީފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ޚާއްސަކޮށް

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ ފަދަ އަމާން

ގައުމަކަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ 33 ގައުމެއްގައި ތަޖުރިބާލިބިފައިވާ އެޗްއެންޕީ

ކުންފުންޏާއެކު މި މަސައްކަތް ކުރުމުން، އެ ކުންފުނީގެ ބޮޑު ނެޓްވޯކް މެދުވެރިކޮށް

ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އިޤްތިޞާދީ ވަޒީރު އިތުރަށް

ވިދާޅުވިއެވެ.

މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ

އެންމެ ބޮޑު ކުންފުނިން މި މަސައްކަތް ކުރިއަށްގެންދާކަން ފާހަގަކުރައްވަމުން

ވަޒީރު ސަޢީދު ވިދާޅުވީ، އެ ފަރާތުން 33 ޤައުމެއްގައި ފުޅާ ދާއިރާއެއްގައި

ވިޔަފާރި ހިންގަމުންދާ ކަމަށެވެ. ދުނިޔޭގެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި އޮތް

ރާއްޖޭގައި، ގިނަ ދުވަހު މަޑުކުރެވޭނެ ފަދަ ރެސިޑެންސީ ލޯންގް ޓާމް ރެންޓަލް

އުޞޫލުތަކެއް ޤާއިމުކުރެވުމަކީ ލިބޭނެ ބޮޑު ކުރިއެރުމެކެވެ. މިއީ ރާއްޖޭގެ

އިޤްތިޞާދީ ދާއިރާތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދާ މުހިންމު

ބާރެކެވެ.

އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހިންގާ މި ރެސިޑެންސީ

ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްދާއިރު، މިއަހަރުގެ ރިޔާސީ ބަޔާނުގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭޕްރީލް މަހުގެ ތެރޭގައި މި

ޕްރޮގްރާމް ފައްޓަވައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުމަށް ރާވާފައިވާކަން

އިޢުލާނުކުރައްވާފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން

ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް

ސަރުކާރުން ދަނީ އާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ރާއްޖެއަށް

ޒިޔާރަތްކުރާ މީހުން އިތުރުކުރުމުގެ މަޤްޞަދުގައި، ކޮންޓެންޓް ކްރިއޭޓަރުންނާއި

ދުރުގައި ތިބެގެން ވަޒީފާ އަދާކުރާ ފަރާތްތަކަށް (ރިމޯޓް ވޯކާސް) ޚާއްޞަ

ވިސާތަކެއް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް