އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު - ފޮޓޯ: އެ ވުޒާރާ
ސުންނީ-ޝީޢީ މަޒުހަބީ ތަޢައްޞުބުގެ ތެރެއަށް ދިވެހި މުޖުތަމަޢު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް މިއަދު ދިވެހި މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ ދިވެހި ރައްޔިތުންނަކީ ސުންނަތް ޖަމާޢަތުގެ ޞައްޙަ މަތިވެރި ޢަޤީދާގެ މަތީގައި، ޤުރުއާނާއި ސުންނަތާއި ސަލަފުއްޞާލިޙުންގެ މަންހަޖުގައި އެތައް ޤަރުނެއް ވަންދެން ސާބިތުކަމާ އެކު ދެމިތިބި ބައެއް ކަމަށެވެ. އަދި އިސްލާމް ދީނުގެ ވަސަޠީ އުޞޫލުތަކުގައި ހިފަހައްޓައިގެން ތިބި ބައެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް އެއްވެސް ލޮޅުމެއް އަރާނެ ފަދަ ކަމަކަށް ޖާގަ ނުދެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ފިރުޤާތަކުގެ ޢަޤީދާތައް އޭގެ ޢިލްމީ ޙަޤީޤަތްތަކާ ޚިލާފަށް ރައްޔިތުންނަށް އޮޅޭނެ ފަދަ ގޮތަކަށް ނުފެތުރުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ. މީގެ އިތުރުން ދީނީ ފިކުރީ ގޮތުން އިސްލާމީ މުޖުތަމަޢު ބައިބައިކޮށްލަން ކުރެވޭ މަސައްކަތްތަކާ މެދު ސަމާލުވެ ތިބެން ޖެހޭ ކަމަށާއި، ފިރުޤާތަކުގެ ޢަޤީދާތަކާ ގުޅޭ ކަންކަމުގައި އެކަމުގެ ޢިލްމު ލިބިގެންވާ ޢިލްމުވެރިން ނޫނީ ވާހަކަ ނުދެއްކުމަށް ވެސް ނަޞޭޙަތްތެރިވެވަޑައިގަތެވެ.
ވަޒީރު ޝަހީމް މި މެސެޖު ހިއްސާކުރައްވާފައި މިވަނީ އީރާނާއި އިޒްރޭލާއި އެމެރިކާއާ ދެމެދު ހަނގުރާމަ ހިނގަމުންދާ ދަނޑިވަޅެއްގައި، ޝީޢީ ޤައުމެއް ކަމަށްވާ އީރާނަށް ތާއީދު ކުރުމާ މެދު ދިވެހިންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް އުފެދެމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް