މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް-
ވައްކަމުގެ ތުހުމަތުގައި ތަކުރާރުކޮށް ހައްޔަރުކޮށްފައިވާ، ޅ. ކުރެންދޫ ބޮޑުގަސްދޮށުގޭ އުމުރުން 48 އަހަރުގެ އަބްދުﷲ ޝަރީފާ ހަވާލުވާނެ ފަރާތެއް އޭނާގެ އުފަން ރަށް ކުރެންދޫއިން ނުވި ކަމަށް ބަންދު އަމުރުން އެނގިއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މީގެ ކުރިން މި މަހުގެ ދެ ވަނަ ދުވަހު ނެރުނު އަމުރުގައި، އޭނާގެ ހާލަތަށް ރިއާޔަތްކޮށް ބަންދުގައި ބަހައްޓާ ތަން އުފަން ރަށް ހިމެނޭ ތަނަކަށް ބަދަލުކުރުމަށް ޝަރީއަތުން ލަފާ ދީފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އައިއޯއާ ސުވާލުކުރުމުން، ޅ. ކުރެންދޫއިން އޭނާއާ ހަވާލުވާނެ ފަރާތެއް ނެތް ކަމަށް އެ ރަށު ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް އައިއޯ ފާހަގަކޮށްފައިވާ ކަމަށް ބަންދު އަމުރުން އެނގެއެވެ.
އަބްދުﷲ ޝަރީފަކީ ބަންދު ރެކޯޑު އިންތިހާއަށް ގިނަ މީހެކެވެ. ކުރީގެ ބަންދު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުން، ޝަރީއަތުން ނަސޭހަތްތެރިވުމުން އޭނާ ވަނީ އަސަރާ އެކު، ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތް ކަމަށާއި ވަޒީފާއެއް ނެތް ކަމަށާއި ނިދަނީ މަގުމަތީގައި ނުވަތަ ޖޯލިތަކުގައި ކަމަށް ގާޒީއަށް ކިޔާދީފައެވެ. އަދި ކުރިން އުފަން ރަށަށް ބަދަލުވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ޖޯއްޔެއްގައި ނިދާފައި އޮއްވައި ޖީބު ކީހާލައިގެން ފައިސާއާއި ފޯނު ވަގަށް ނެގުމުން އެކަން ނުވީ ކަމަށް ވެސް ބުނެފައިވާ ކަމަށް ބަންދު އަމުރުން އެނގެއެވެ.
މިއަދުގެ ބަންދު އަމުރުގައި އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މާރިޗު 8 ވަނަ ދުވަހާ ހަމައަށް، ކަސްޓޯޑިއަލް ޖަލުގައެވެ. ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައެވެ. އަދި އޭނާ ވަނީ ޝަރުޠުކޮށް ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. އޭނާއަކީ ޔޫރިން މައްސަލަ ހުންނަ ބަލި މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގެ ބަންދު އަމުރު ނެރުއްވީ ގާޒީ އާމިނަތު އަޒްލިފާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް