ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް އޮފީހުގައި
ލާމަރުކަޒީ ހިދުމަތްތައް ވީހާވެސް ބޮޑަކަށް ފުޅާކުރުމަށް
ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު
މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ލާމަރުކަޒީ ދުވަހާ ގުޅިގެން ފޮނުއްވި
ހިތޯބެއްގައެވެ.
ރައީސްގެ ހިތޯބުގައި ވިދާޅުވީ، މިހާރު އަމަލުކުރަމުންދާ
ގާނޫނުއަސާސީއާއެކު، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ފުރުސަތު އިތުރަށް
ފަހިވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ލާމަރުކަޒީ
ހިދުމަތްތައް ފުޅާކުރުމަށް އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް
ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ލާމަރުކަޒީ
ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް
ވިދާޅުވީ، "މި ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ލާމަރުކަޒީ ހިދުމަތްތައް ފުޅާކުރުމަށް
އިތުރު ބާރާއި، ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް
ވަނީ ކުރެވިފައި." ކަމަށެވެ. މީގެ ތެރޭގައި ކައުންސިލްތަކަށް އާމްދަނީ ލިބޭނެ
މަގުތަށް އިތުރަށް ފަހިކޮށްދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ
ކޮމެޓީތަކަށް ހައްގު މަގާމު ހޯދައިދިނުމުގެ އިތުރުން ކައުންސިލް މުވައްޒަފުންގެ
މުސާރަ ބޮޑުކޮށްދިނުން ހިމެނެއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ
ގާނޫނު ވުޖޫދުވީއްސުރެ ކައުންސިލްތަކުން އިންތިޒާރުކުރަމުން އައި އެތައް ކަމެއް
މިހާރު ވަނީ ހަގީގަތަކަށް ވެފައެވެ. އެގޮތުން ރަށްރަށުގެ ސިއްހީ، ތައުލީމީ އަދި
އިޖުތިމާއީ ހިދުމަތްތައް ފުޅާކޮށް، ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތާއި
އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމުގެ އިތުރުން، ކޮންމެ އަތޮޅަކުން އައިޑީ ކާޑާއި
ޕާސްޕޯޓް ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
މުސްތަގުބަލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "މޯލްޑިވްސް 2.0ގެ އަމާޒުތައް ހާސިލްވެ، ޑިޖިޓަލް ދިވެހިރާއްޖެއެއްގެ
ފަސޭހަތައް ހޯދެމުންދިޔަ ވަރަކަށް ރަށްރަށުގައި ތިބެ، ހިދުމަތްތައް ހޯދައި،
އާމްދަނީގެ މަގުތައް ފަހިކުރުމުގެ ފުރުސަތު، ދިވެހި ރައްޔިތުންނަށް އިތުރަށް
ތަނަވަސްވެގެން ދާނެ،" ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް
ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ތަސައްވުރެއްކަން އެމަނިކުފާނު
ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް