ބިދޭސީންތަކެއް ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރި މައްސަލަ - ގޭންގް ޤާނޫނުގެ ދަށުން ވެސް ތުހުމަތު ކުރަނީ

ހުޅުމާލޭ ފޭސް އެކެއްގެ ކަނޑޫފާ ރެސިޑެންސް ލޭބަރ ކުއާޓަރުގައި ބަންގްލަދޭޝް ރައްޔިތަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހެއްގެ...

25 Apr 2026 | 17:57
N/A

N/A

ހުޅުމާލޭ ފޭސް އެކެއްގެ ކަނޑޫފާ ރެސިޑެންސް ލޭބަރ ކުއާޓަރުގައި ބަންގްލަދޭޝް ރައްޔިތަކު ރަހީނުކޮށް، ވަޅިން ބިރުދައްކައި ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަތަރު މީހެއްގެ ބަންދަށް 30 ދުވަސް އިތުރުކޮށް، ގޭންގް ޤާނޫނުގެ ދަށުން ވެސް ތުހުމަތު ކުރަން ފަށައިފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

މި މައްސަލައިގައި ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 10 ވަނަ ދުވަހުއެވެ. އެ ފަހަރު 15 ދުވަހަށް ބަންދުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން، ކްރިމިނަލް ކޯޓުން ވަނީ 25 މެއި 2026 އާ ހަމައަށް ބަންދު އިތުރުކޮށްފައެވެ. ބަންދު އިތުރުކުރީ ދޫކޮށްލައިފި ނަމަ ފިލައިފާނެ ކަމުގެ އިޙުތިމާލް އޮތުމުންނާއި މުޖުތަމަޢުގެ ސަލާމަތަށްޓަކައި ކަމަށް ޤާޟީ އަޙްމަދު ޝާފިޢު ނެރުއްވި ބަންދު އަމުރުތަކުގައިވެއެވެ.

ބަންދު އިތުރުކުރި ހަތަރު މީހުންނަކީ އެމްޑީ ޝާ އަލަމް (39 އ) އާއި ސަރފިފް ހަސަން (39 އ) އާއި ރަސަލް (21 އ) އަދި އެމްޑީ މެހެދި ޙަސަން (34 އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ޤާނޫނާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ.

ގޭންގް ޤާނޫނުގެ ދަށުން ތުހުމަތު

ފުރަތަމަ 15 ދުވަހުގެ ބަންދު އަމުރުތަކުގައި ވެސް ޤާނޫނު ނަންބަރު 7/2025 (ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު) ގެ ދަށުން ބަންދުކޮށްފައިވާ އިރު، މިއަދު ނެރުނު ބަންދު އަމުރުތަކުގައި ފާހަގަކޮށްފައި ވަނީ ތަޙުޤީޤަށް ލިބިފައިވާ ކުރިއެރުންތަކާ އެކު އެ ޤާނޫނުގެ ދަށުން ވެސް މި ހަތަރު މީހުންގެ މައްޗަށް މިހާރު ތުހުމަތު ކުރެވިފައިވާ ކަމަށެވެ.

ކަން ހިނގި ގޮތް

މި މައްސަލައިގައި ފަސް ވަނަ މީހެއްގެ ގޮތުގައި ހައްޔަރުކޮށްފައިވާ އެމްޑީ ހޮސައިން (30 އ) ވަނީ ތުހުމަތަށް އިއްތިރާފުވެ، ކަން ހިނގި ގޮތް ކިޔައިދީފައެވެ. ހޮސައިން ބުނެފައި ވަނީ ވިކްޓިމް ކައިރީ ރައްކާ ކުރަން ދީފައި ހުރި ޕާސްޕޯޓުތަކެއް ރައްދު ނުކުރުމުން މާރާމާރީ ހިންގީ ކަމަށެވެ. ނަމަވެސް ނުރައްކާތެރި ހަތިޔާރެއް ބޭނުންނުކުރާ ކަމަށާއި މާރާމާރީ ހިންގީ އަތުން ކަމަށް ހޮސައިން ބުނެފައިވެއެވެ. ދެން ތިބި ހަތަރު މީހުން ވަނީ އެއްވެސް މާރާމާރީއެއް ނުވަތަ އަނިޔާއެއް ނުކުރާ ކަމަށް ބުނެފައެވެ.

ހެކީގެ ގޮތުގައި ވިކްޓިމަށް ލިބުނު އަނިޔާގެ ފޮޓޯ އާއި ބިރުދެއްކުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅިތަކުގެ ފޮޓޯ އާއި ސީސީޓީވީ ފުޓޭޖާއި ވިކްޓިމްގެ މެޑިކޯ ލީގަލް ރިޕޯޓާއި ފުލުހުންނާއި ވިކްޓިމާއި ހެކީންގެ ބަޔާންތައް ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުތަކުގައިވެއެވެ. ހައްޔަރުކުރި ފަސް މީހުންގެ އިތުރުން ވެސް ބަޔަކު މި ޢަމަލުގައި ބައިވެރިވި ކަމަށް ހޮސައިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް