N/A
ފުރަތަމަ އަނބިމީހާއާ ކައިވެނި ކޮށްގެން ހުރެ، ގޭގައި ގެންގުޅުނު ބިދޭސީ މަސައްކަތު އަންހެނަކާ ސިއްރުން ދެ ވަނަ ކައިވެންޏެއް ކުރި ސިންގަޕޫރު ފިރިހެނަކު ދެ މަހަށް ޖަލަށް ލާން ހުކުރު ދުވަހު ހުކުމް ކޮށްފިއެވެ.
ލޯ ކޮކް ޕެންގް ނަމަކަށް ކިޔާ 61 އަހަރުގެ މި މީހާ ފުރަތަމަ ކައިވެނި ކޮށްފައި ވަނީ 1992 ވަނަ އަހަރުގައެވެ. އެ ކައިވެންޏަށް އަންހެން ދަރިއެއް ވެސް ލިބިފައިވެއެވެ. ނަމަވެސް 2016 ވަނަ އަހަރު ރައްޓެއްސެއް މެދުވެރިކޮށް ދިމާވި އިންޑޮނީޝިއާގެ 50 އަހަރުގެ ކޮމަރިއާ ނަމަކަށް ކިޔާ ގެވެށި މަސައްކަތު އަންހެނަކާ ލޯބީގެ ގޮތުން ގުޅި، އަށް އަހަރު ފަހުން 5 މެއި 2024 ގައި އިންޑޮނީޝިއާގެ ބާޓަމްގައި ކައިވެނި ކުރީ ކަމަށް ކޯޓު ލިޔެކިޔުންތަކުން އެނގެއެވެ.
ސިންގަޕޫރުގެ ވިމެންސް ޗާޓަރ 1961 ޤާނޫނުގެ ދަށުން ދެ އަންބަށް ކައިވެނި ކުރުމުގެ ކުށަށް ލޯ އިޢުތިރާފުވެފައިވެއެވެ. މި ކުށުގެ އެންމެ ބޮޑު އަދަބަކީ ހަތް އަހަރުގެ ޖަލު ހުކުމަކާއި 10،000 ޑޮލަރުގެ ޖޫރިމަނާއެކެވެ. ލޯ ވަކީލެއް ނެތި ކޯޓަށް ހާޒިރުވި އިރު، ލުއި އަދަބަކަށް ވެސް އެދިފައެއް ނުވެއެވެ.
ކައިވެންޏަށް ފަހު ވެސް ލޯ ދިރިއުޅެމުން ދިޔައީ ފުރަތަމަ އަނބިމީހާ ކައިރީގައެވެ. ފުރަތަމަ އަނބިމީހާއަށް ދެ ވަނަ ކައިވެނީގެ އެއްވެސް ޚަބަރެއް ނޭނގޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮމަރިއާ ކައިވެނި ކުރަން ބޭނުންވީ ބާޓަމުން ގެއެއް ގަތުމުގެ ބޭނުމުގައި ކަމަށް ލިއަންހޭ ޒާއޮބާއޮ ނޫހުން ރިޕޯޓު ކޮށްފައިވެއެވެ.
ކޮމަރިއާގެ މައްޗަށް ވެސް ދެ ދައުވާއެއް ކޮށްފައިވެއެވެ. ލޯގެ ކައިވެނީގެ ޙާލަތު އެނގިހުރެ ކައިވެނި ކުރި ކަމުގެ ދައުވާ އާއި، ސިންގަޕޫރުގެ މެންޕަވަރ ވުޒާރާ (އެމްއޯއެމް) ގެ ހުއްދަ ނެތި ކައިވެނި ކުރި ކަމުގެ ދައުވާއެވެ. މި ޖެނުއަރީ މަހު ފުލުހުންނަށް މި މައްސަލަ ހުށަހެޅީ އެމްއޯއެމް އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް