ތެލަސީމިއާ ކުދިންނަށް އެޅުނީ ތަޤައްޔަރުވެފައިވާ ލޭ ނޫން ކަމުގެ ޔަޤީންކަން ބްލަޑް ސާވިސަސްއިން ދީފި

ފްރީޒަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ތެލަސީމިއާ ތިން ކުއްޖަކަށް ކުނިވެފައިވާ ލޭ އެޅުނު ކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް މޯލްޑިވިއަން ބްލަޑް ސާވިސަސް...

25 Apr 2026 | 05:35
N/A

N/A

ފްރީޒަރަކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ތެލަސީމިއާ ތިން ކުއްޖަކަށް ކުނިވެފައިވާ ލޭ އެޅުނު ކަމަށް ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އިން ދޮގުކޮށްފިއެވެ.

މި މަހުގެ 19 ވަނަ ދުވަހުގެ ރޭ އެމްބީއެސްގެ ދޭއް ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވުމާ ގުޅިގެން، ޖެހިގެން އައި ދުވަހު ތެލަސީމިއާ ކުދިންނަށް ތަޤައްޔަރުވެފައިވާ ލޭ އެޅި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ދޮގުކޮށް އެމްބީއެސް އިން ނެރުނު ބަޔާނެއްގައި، އެ ދުވަހު ތެލަސީމިއާ ކުދިންނަށް އެޅި ލެޔަކީ ކުނިވެފައިވާ ނުވަތަ ތަޤައްޔަރުވެފައިވާ ލޭ ނޫން ކަމުގެ ޔަޤީންކަން ޞިއްޙީ ގޮތުން ބަލާއިރު އެނގޭ ކަމަށް ބުނެފައިވެއެވެ.

ފްރީޒަރަށް ދިމާވި މައްސަލަ

އެމްބީއެސް އިން ބުނީ، 19 އޭޕްރީލްގެ ރޭ 21:00 ގައި މަރުކަޒު ބަންދު ކުރި ފަހުން، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ހުރިކަން ކަށަވަރު ކުރުމަށް ހަދާ ޞިއްޙީ ތަޚްލީލުތަކާއި ކްރޮސް-މެޗް ހެދުމަށްފަހު، ހަ ޑިގްރީ ސެލްސިއަސް އަށްވުރެ ދަށުގެ ފިނިހޫނުމިނުގައި ލޭ ރައްކާ ކޮށްފައި ވަނިކޮށް ދޭއް ނަންބަރު ފްރީޒަރަށް ޓެކްނިކަލް މައްސަލައެއް ދިމާވި ކަމަށެވެ. މިކަން ފާހަގަވީ 22:11 ހާއިރު ފިނިހޫނުމިން މޮނިޓަރ ކުރާ އެލާޓް ސިސްޓަމުން އެލާޓް ލިބެން ފެށުމުން ކަމަށާއި، ފަސް މުވައްޒަފަކަށް އެލާޓް ދިއުމުން ތިން މުވައްޒަފަކު ހާޒިރުވެ، ޖުމްލަ 12 ޕެކެޓް ލޭ ސްޓޭންޑްބައި ފްރީޒަރަށް ބަދަލުކޮށްފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި ބުނިގޮތުގައި، އާންމު ހާލަތުގައި ފްރީޒަރުގެ ފިނިހޫނުމިން ބަހައްޓަން ޖެހެނީ ދޭއް އާއި ހައެއް ޑިގްރީ ސެލްސިއަސްއާ ދެމެދު ނަމަވެސް، މި ހާދިސާގައި ފިނިހޫނުމިން 11 ޑިގްރީ ސެލްސިއަސް އަށް އެރިއެވެ. އެހެން ނަމަވެސް އެ މިންވަރުގައި ހުރީ ކިހާ ވަގުތެއް ވަންދެން ކަން ފްރީޒަރުގެ އޮޓޯ-ލޮގް ރެކޯޑްތަކުން ސާފުކުރެވިފައި ނުވާ ކަމަށް އެމްބީއެސް އިން ވަނީ ޤަބޫލުކޮށްފައެވެ.

ފްރީޒަރަށް މައްސަލައެއް ދިމާވާ ހާލަތެއްގައި 10 ޑިގްރީ ސެލްސިއަސް އަށްވުރެ މަތި ނުވާ ގޮތަށް ހަތަރު ގަޑިއިރު ވަންދެން ލޭ ރައްކާތެރިކަމާ އެކު ބެހެއްޓޭނެކަން ޞިއްޙީ މިންގަނޑުތަކުން އެނގެން އޮންނަ ކަމަށާއި، މުވައްޒަފުން ފްރީޒަރު ކައިރިއަށް ހާޒިރުވުމަށް ނެގި ވަގުތާއި ސިސްޓަމްގެ ފިނިހޫނުމިނުގެ ލޮގުތަކަށް ބަލާއިރު، ފްރީޒަރުގައި ހުރި ލެޔަކީ ކުނިވެފައި ނުވަތަ ތަޤައްޔަރުވެފައި ހުރި ލޭ ނޫން ކަމުގެ ޔަޤީންކަން އެނގެން އޮތް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ތެލަސީމިއާ ކުދިންނަށް ލޭ އެޅުނު ގޮތް

ފްރީޒަރަށް މައްސަލަ ދިމާވުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދިޔަ ވަގުތުގެ ތެރޭގައި، 20 އޭޕްރީލްގެ ހެނދުނު ތެލަސީމިއާ ސެންޓަރުގައި ތިން ކުއްޖަކަށް މި ޕެކެޓްތަކުން ލޭ އެޅިފައިވާ ކަން އެ ދުވަހުގެ 09:30 ހާއިރު ފާހަގަވީ ކަމަށް ބަޔާނުގައިވެއެވެ. ލޭ އެޅިފައިވާ ކަން އެނގުނީ އެ ކުދިންނަށް ލޭ އަޅާ ނިމުނު ފަހުން ކަމަށާއި، އެ ކުދިންނަށް އެކަން އެންގުން ވެސް ލަސްވެފައިވާ ކަން އެމްބީއެސް އިން ވަނީ ޤަބޫލުކޮށްފައެވެ. ތިން ޕޭޝަންޓުންނަށް ލޭ އެޅުނު ކަން ޓެލެގްރާމް ގްރޫޕް މެދުވެރިކޮށް އާންމު ނުކުރީ، ތަޙުޤީޤު ކުރިއަށް ދާތީ ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ބާކީ ހުރި ނުވަ ޕެކެޓް ނޭޅުމަށް ނިންމައި، އެ ޕެކެޓްތަކުގެ ވެރި ފަރާތްތަކަށް ބަދަލު ޕެކެޓްތައް ހޯދައިދިން ކަމަށާއި، ލޭ އެޅި ތިން ފަރާތުގެ ތެރެއިން އެއް ފަރާތަކަށް ބޭނުންވި ދެ ޕެކެޓުގެ ތެރެއިން އެއް ޕެކެޓް އެ ދުވަހު އެޅިފައި ނުވާ ކަމަށް ވެސް އެމްބީއެސް އިން ވަނީ ބުނެފައެވެ.

ތަޙުޤީޤާއި އިޙުމާލު

މި ހާދިސާއާ ގުޅިގެން މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ތަޙުޤީޤު ޓީމެއް އެކުލަވާލައި ހަމަ އެ ދުވަހު ތަޙުޤީޤު ފަށާފައިވާ ކަމަށާއި، ލޭ އެޅުމުގެ ކުރިން އަންގަންޖެހޭ މަޢުލޫމާތު އެންގުމުގައި އިޙުމާލުވެފައިވާ ކަމުގެ ތުހުމަތުގައި ޒިންމާވާ ފަރާތް އޭޕްރީލް 23 ވަނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާ ކަމަށް ބަޔާނުގައި ވެއެވެ.

ހާދިސާއާ ގުޅިގެން މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އާއި ލޭ އެޅުނު ފަރާތެއްގެ އާއިލާ ހިމެނޭ ގޮތަށް ބައްދަލުވުމެއް ބޭއްވުމާއެކު، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ވަގުތާ ހަމައަށް ހާމަކުރެވެން ހުރި މަޢުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ތެލަސީމިއާ ބަލި ތަޙައްމަލު ކުރާ ފަރާތްތަކަށް ކޮންމެ ދުވަހަކު ދެމުން ގެންދާ ޚިދުމަތަކާ ގުޅުވައި، ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ހާމަކުރާ މަޢުލޫމާތު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެމްބީއެސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް