މުހްތާޒް )ވ( ހުސްނުއްސުއޫދު )ކ( -
ދެ އިންތިޚާބު އެއްކުރާ ބިލް ބާތިލްކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތް ނިންމުމާ ގުޅިގެން ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ފާޑުވިދާޅުވުމުން، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ރައްދު ދެއްވައިފިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބާއްވާ ގޮތަށް ޤާނޫނުއަސާސީ އިސްލާހުކުރާ ބިލް ބާތިލްކޮށްދިނުމަށް ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ، އެ ކޯޓުގެ ރަޖިސްޓްރާ ވަނީ މިއަދު ބަލައިނުގަންނަން ނިންމައިފައެވެ.
އެ ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު އެކްސްގައި ވިދާޅުވީ، ރިފަރެންޑަމަކަށް އަހަންޖެހޭ ކަމެއްގައި 15 ދުވަހުގެ ތެރޭގައި ބިލާ މެދު ގޮތެއް ނުނިންމީމާ ބިލް ބާތިލްވާނެ ކަމަށް ބުނެ ހުށަހެޅި ދައުވާ، އަޑުއެހުމެއް ވެސް ނުބާއްވައި ނިޔާ ކަނޑައެޅުމަކީ ގޯހެއް ކަމަށެވެ.
އެ ޕޯސްޓަށް ރައްދު ދެއްވައި ކުރީގެ ޕީޖީ މުހުތާޒް ވިދާޅުވީ، ރަޖިސްޓްރާ މެދުވެރިކޮށް އެންމެ ގިނައިން ގޮތް ނިންމާފައިވަނީ ސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ދުވަސްވަރު ކަމަށެވެ. އަދި ރަޖިސްޓްރާއަށް އެ ބާރު ދިނީ ވެސް އޭރުގެ ސުޕްރީމް ކޯޓުން ކަމަށާއި، ރަޖިސްޓްރާގެ އެފަދަ ނިންމުންތައް ރަނގަޅު ކަމަށް ކަނޑައެޅި ފަނޑިޔާރުންގެ ތެރޭގައި ސުއޫދު ހިމެނިވަޑައިގަންނަވާ ކަމަށް ވެސް މުހުތާޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް