މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
ހުޅުމާލޭގައި ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި
އިމާރާތްކުރުމުގައި ޢަމަލުކުރަންޖެހޭ ޑިވެލޮޕްމަންޓް ކޮންޓްރޯލްތައް ކަނޑައެޅުމުގެ
އާ ގަވާއިދެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް، މިއަދުން ފެށިގެން ޢަމަލުކުރަން
ފަށައިފިއެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤާނޫނު
(16/2024) ގެ ދަށުން ފމިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ ނެރުނު މި ގަވާއިދުގައި
ޕާކިންއާއި އިމާރާތުގެ އުސްމިނާއި ފަންގިފިލާތައް ބޭނުންކުރެވޭ ގޮތްތައް ތަފުސީލުކޮށް
ކަނޑައަޅައިފައިވެއެވެ. މި ގަވާއިދަށް ޢަމަލުކުރަން ފެށުމާއެކު 2023 ވަނަ އަހަރު ޝާއިޢުކުރި
ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވާއިދު
(R-99/2023) އުވިގެންދާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކުރީގެ ގަވާއިދު ހިނގީ ފޭސް 1 ގެ ނެއިބަރހުޑް 1، 2،
3 އަށް އެކަނި ނަމަވެސް، އާ ގަވާއިދު ހިނގާނީ ހުޅުމާލޭގެ ހުރިހާ ނެއިބަރހުޑަކަށެވެ.
އަދި ކުރީގެ ގަވާއިދު ހެދީ އެޗް.ޑީ.ސީގެ އަސާސީ ގަވާއިދުގެ ދަށުން ކަމަށް ވާއިރު، އާ
ގަވާއިދު ހެދީ ބިނާވެށި ޤާނޫނުގެ ދަށުންނެވެ.
މި ގަވާއިދުގެ ދަށުން 18.5 މީޓަރަށް ވުރެ އުސްކޮށް ހަދާ
އިމާރާތްތަކުގެ ތިރީ ފަންގިފިލާ (ގްރައުންޑް ފްލޯ) އެއްކޮށް ޚާއްޞަކުރަންވާނީ ޕާކިންގެ
ބޭނުމަށެވެ. އަދި ފުރަތަމަ ފަންގިފިލާ (ފަސްޓް ފްލޯ) ޚާއްޞަކުރަންވާނީ ދިރިއުޅުން ނޫން
އެހެން ބޭނުމަކަށެވެ. ކުރީގެ ގަވާއިދުގައި ޕާކިންއަށް ބޭނުންވީ 14 އަކަމީޓަރުގެ ގަރާޖް
ޖާގައެއް އެކަންޏެވެ. މީގެ އިތުރުން އާ ގަވާއިދުގައި ކޮޓަރީގެ އަދަދަށް ބަލައި ސައިކަލު
ޕާކިން ޖާގަ ދޫކުރުން ވެސް ލާޒިމުކޮށްފައިވެއެވެ.
ކެފޭ ނުވަތަ ރެސްޓޯރަންޓް ހިންގާ ގޯތިތަކާ ގުޅޭ ގޮތުން
ގަވާއިދުގައި ބުނެފައިވަނީ ގޯތީގެ އިމުން ބޭރުގައި ގޮނޑިއާއި މޭޒު ޖެހުމަކީ މަނާ ކަމެއް
ކަމަށެވެ. އަދި ގޯތީގެ އިމުން ބޭރު ހިޔާ ވެސް ނުކުރެވޭނެ ކަމަށެވެ. މި ގަވާއިދާ ޚިލާފަށް
ގޯތީގެ އިމުން ބޭރުގައި ގޮނޑިއާއި މޭޒު ޖަހައިފައި ހުރި ނަމަ އެ ތަކެތި ނެގުމުގެ އިޚުތިޔާރު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އަށް ލިބިގެންވާ ކަމަށް ގަވާއިދުގައި
ބަޔާންކޮށްފައިވެއެވެ. ކެފޭ/ރެސްޓޯރަންޓާ ގުޅޭ މި ފަދަ ތަފުސީލީ ރެސްޓްރިކްޝަންތަކެއް
ކުރީގެ ގަވާއިދުގައި ހިމެނިފައެއް ނުވެއެވެ.
އިމާރާތުގެ އުސްމިނާ ގުޅޭ ގޮތުން ވެސް ބޮޑު ބަދަލެއް
ގެނެސްފައިވެއެވެ. ކުރީގެ ގަވާއިދުގައި އެންމެ އުސްކޮށް ހެދެނީ 18.5 މީޓަރަށް (ހަ ފަންގިފިލާ)
ނަމަވެސް، އާ ގަވާއިދުގައި ނެއިބަރހުޑް 9 ފިޔަވައި އެހެން ހުރިހާ ނެއިބަރހުޑެއްގައި
30.5 މީޓަރާ ހަމައަށް އިމާރާތްކުރެވޭނެއެވެ. ނެއިބަރހުޑް 9 ގައި ވައިގެ ބަނދަރުގެ ސަލާމަތީ
މިންގަނޑުތަކަށް ބަލައި 22 މީޓަރަށް ވުރެ އުސްކޮށް އިމާރާތެއް ނުކުރެވޭނެއެވެ. އަދި
16.5 މީޓަރަށް ވުރެ އުސް އިމާރާތުގައި ލިފްޓް ހިމެނުން ލާޒިމުކޮށްފައިވެއެވެ.
މީގެ އިތުރުން ޓެރަސް ހިޔާކުރާ ބައި ފަރުމާކޮށްފައި
ހުންނަންވާނީ ސޯލާ ޕެނަލް ހަރުކުރެވޭ ގޮތަށް ކަމަށް ގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.
އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާ އިމާރާތްތަކުގައި ޖީޕޮން ފައިބަރ ކޭބްލިން
ސިސްޓަމަށް ޑަކްޓެއް ކޮންމެ ފަންގިފިލާއެއްގައި ހިމެނުން ވެސް ލާޒިމުކޮށްފައިވެއެވެ.
މި ގަވާއިދު ތަންފީޒުކޮށް ހިންގާނީ އެޗް.ޑީ.ސީގެ ފަރާތުން
ކަމަށާއި ގަވާއިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅުއަޅާނީ ބިނާވެށި ޤާނޫނު
(16/2024) ގެ ދަށުން ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް