N/A
ވ. އަތޮޅުގައި މި މަހުގެ 20 ވީ ހުކުރު ދުވަހުގެ ރޭ ދަންވަރު
ސްޕީޑް ބޯޓެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިފައިވާ ހާދިސާގައި ކުދި އަނިޔާތަކަކާއެކު
ސަލާމަތްވި އިންޑިއާގެ ރޭމަންޑް ގުރޫޕުގެ ޗެއާމަން ގޯތަމް ސިންގާނިޔާގެ ޢަމަލުތަކާމެދު
އިންޑިއާގެ ނޫސް، ދަ ނިއު އިންޑިއަން އެކްސްޕްރެސް އިން ސީރިއަސް ސުވާލުތަކެއް އުފައްދައި
ވީޑިއޯ ރިޕޯޓެއް ތައްޔާރުކޮށްފިއެވެ.
ވ. އަތޮޅު ކައިރިން ހަތް މީހުންނާއެކު ދަތުރުކުރި ސްޕީޑް
ބޯޓު ބަންޑުން ޖަހާލިއިރު، ބޯޓުގައި ތިބީ ސިންގާނިޔާގެ އިތުރުން މޮޓޯ ސްޕޯޓްސް ލެޖެންޑް
ހަރީ ސިންގާއި ކުރީގެ ނޭވީ އޮފިސަރެއް ކަމަށްވާ ކޮމާންޑަރު މަހޭޝް ރާމަޗަންދުރަން ހިމެނޭ
ގޮތަށް އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނަކާއި ރަޝިޔާގެ އަންހެނަކާއި
އިނގިރޭސިވިލާތަށް ނިސްބަތްވާ އަންހެނެކެވެ. ފަސް މީހުން ސަލާމަތްވީ ނަމަވެސް ހަރީ
ސިންގާއި ކޮމާންޑަރު މަހޭޝް އަދިވެސް ނުފެނެއެވެ.
ބައެއް ރިޕޯޓްތަކާ ހަވާލާދީ ދަ ނިއު އިންޑިއަން އެކްސްޕްރެސްގެ
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސިންގާނިޔާ ނަމާއި ތަފްސީލް ހޮސްޕިޓަލަށް ނުދީ އަވަސް
އަވަހަށް ރާއްޖެ ދޫކޮށް ދިޔައީ ޤާނޫނީ ކަމެއްގެ ތެރޭގައި ބެދިދާނެ ކަމުގެ ބިރަށް ކަމަށް
ބެލެވެއެވެ. ލޯންޗު ދުއްވަން އިނީ ސިންގާނިޔާ ކަމަށް ބައެއް މީހުން ލަފާކުރާކަމަށްވެސް
ރިޕޯޓްގައި ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުން، ހާދިސާ ހިނގުމުގެ ކުރިން އެ ގުރޫޕު
ތިބީ 43 މީޓަރުގެ ލަގްޒަރީ ޔޮޓެއްގައެވެ. ނަމަވެސް ދަންވަރު 1:15 ހާއިރު ކުޑަ ސްޕީޑް
ބޯޓަކަށް ބަދަލުވީ ކަމަށާއި، އެއީ ރޭވިގެން ކުރި ކަމަކަށްވުރެ ކުއްލި ނިންމުމެއް ކަމަށް
ބެލުމުގެ ފުރުޞަތު ބޮޑުކަމަށް ނޭވީ ކޮމާންޑަރަކު ފާހަގަކުރި ކަމަށެވެ. ދަންވަރު
ލޯންޗު ދުއްވުމަކީ ރާއްޖޭގެ ރިސޯޓު ސަރަހައްދުތަކުގައި އާ ކަމެއް ނޫން ނަމަވެސް، މަޑު
އަލީގެ ގޮންޖެހުމާއި ފަރުގެ ނުރައްކާތެރި ސަރަހައްދުތައް ހުންނައިރު ވަރަށް ބޮޑަށް
ސަމާލުވާން ޖެހޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޔޮޓުގައި ޕާޓީއެއް ބޭއްވި ކަމަށާއި ދަތުރުކުރި މީހުން
ބަނގުރާ ބޭނުންކޮށްފައިވާކަމަށް ބައެއް ރިޕޯޓުތަކުން ބުނި ނަމަވެސް، އެ ކަން މިނިވަން
ފަރާތަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެއެވެ. ހަމަ ހިމޭން ކަނޑެއްގައި
ކުޑަ ލޯންޗެއް ބަންޑުންވީ ގޮތް ތަހުގީގީ ފަރާތްތަކުން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.
ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްގައި
ފާހަގަކޮށްފައިވާގޮތުގައި މޫސުމާއި ކަނޑު ގަދަ ނުވާ ދުވަސްވަރެއްކަމުން ލޯންޗު އެފަދަ
ކަމެއްގައި ބަންޑުން ޖަހާލުމުގެ ފުރުޞަތެއް ނެތެވެ. ލޯންޗު ގާތަކެއް، މުރަކަތަކެއް
ފަދަ އެއްޗެއްގައި ޖެހުނީ ކަމަށް ވެދާނެ ކަމަށާއި ނަމަވެސް، ފެންނަ ފޮޓޯތަކުން ބޯޓަށް
ސްޓްރަކްޗަރަލް ގެއްލުމެއް ލިބިފައެއް ނެތްކަންވެސް ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް
ބާރު ސްޕީޑުގައި ދުއްވަމުން ކުއްލިއަކަށް އަނބުރާލާއިރު ލޯންޗު ބާނީގައި ޖެހި އަންނަ
ލޮޅުމެއްގައި މީހުން ބުރަ ބުރައިގެން ދިޔުމުގެ ފުރުޞަތު ބޮޑު ކަމާއި ލޯންޗު ބަންޑުންވެދާނެ
ކަމަށްވެސް ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެފަދަ ހާލަތްތަކުގައި
ލޯންޗު ދުއްވާ ފަރާތް އާންމުކޮށް ރައްކާތެރި ޕޮޒިޝަނެއްގައި ހުންނައިރު، ސިންގާނިޔާ
ސަލާމަތްވީ ކުދި އަނިޔާތަކާ އެކީ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބޯޓުގައި ކެޕޭސިޓީއަށްވުރެ ގިނަ މީހުން ތިބި ކަމުގެ
ނިޝާންތައް ފެންނަ ކަމަށާއި، ލައިފް ޖެކެޓް އަޅާފައި ނެތް ކަމުގެ ކަންބޮޑުވުންވެސް
ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ތަޖުރިބާކާރަކާ ހަވާލާދީ އެ ރިޕޯޓްގައި ބުނީ ސްޕީޑް
ބޯޓުތަކުގައި މުޅި ވަގުތު ލައިފް ޖެކެޓް އަޅައިގެން ނުތިބޭ ކަމަށާއި، ޖެކެޓް ނެތި ބޮލުގައި
ޖެހި ހޭ ނެތިއްޖެނަމަ ވަރަށް އަވަހަށް ގެނބޭނެ ކަމަށެވެ. ހޭ ހުރި ނަމަވެސް، ޚާއްޞަކޮށް
މަސްތުގެ ހާލަތުގައި ހުރިނަމަ ސަލާމަތްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަން
ފާހަގަކޮށްފައިވެއެވެ.
ދަންވަރުގެ ވަގުތެއްގައި ހިނގި ހާދިސާއެއް ކަމުން ސާޗް
އެންޑް ރެސްކިއުގެ މަސައްކަތް ވަރަށް ބޮޑަށް ދަތިވާނެކަން ފާހަގަކޮށްފައިވެއެވެ. ކަނޑުމަތީގައި
މީހުން ހޯދަމުންދާ ވަގުތު ގެއްލިފައިވާ މީހުން ގައިމައްޗަށް އެރުމުގެ ނުރައްކާ
އޮންނާނޭ ކަމާއި ތެލާއި އަލީގެ ވަސީލަތްތަކާއި ސިއްހީ ކުއްލި ހާލަތްތައް ކުރިމަތިވެ
ދަތި ނިންމުންތައް ނިންމަން ޖެހޭނެކަންވެސް ފާހަގަކޮށްފައިވެއެވެ. އަދި ސަލާމަތްވި
މީހުންގެ ތެރެއިން މީހެއްގެ ހާލު ބޮޑުވެ އަތެއް ބުރިކޮށްލަން ޖެހޭ ފެންވަރަށް އަނިޔާވެފައި
ހުރުމުން، ހޯދުން ހުއްޓާލައި އެނބުރި ބަނދަރަށް ދާން ނިންމީ ކަމަށް ވުން
އެކަށީގެންވާކަންވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. ރަސްމީ ފެންވަރުގައި ފުޅާ
ދާއިރާއެއްގައި ރެސްކިއު އޮޕަރޭޝަން ފެށިއިރު ފުރާނަ ސަލާމަތްކުރެވޭ ވަގުތު ފާއިތުވެފައިވުން
އެކަށީގެންވާކަމަށްވެސް ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓްގައި
ފާހަގަކޮށްފައިވެއެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހާމަ ކަނޑުގައި 72 ގަޑިއިރަށްވުރެ
ގިނައިރު ސަލާމަތުން ހުރުން ނާދިރެވެ. ތިން ދުވަސް ފަހުން ދިރިހުރި މީހަކު ފެނުމުގެ
ފުރުސަތު ވަރަށްވެސް ކުޑައެވެ. ދެ ފަސިންޖަރުން ގެއްލިފައި ވާއިރު، މީހުން ހޯދުން
ކުރިއަށްދަނިކޮށް ސިންގާނިޔާ ގައުމަށް ދިއުމުންވެސް ސުވާލު އުފައްދާފައިވެއެވެ.
ލޯންޗުގައި ތިބި ހަތް މީހުންނަކީ ފަސިންޖަރުން ކަމަށް ބެލެވޭއިރު ދުއްވަން ހުރީ ހަގީގަތުގައި
ކާކުކަން ސާފު ނުވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް