އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ -
ޣައްޒާގެ ގަތުލުޢާންމުގެ އެންމެ އިސް މޭސްތިރި، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރޮސްޓޭޓް ކެންސަރު ޖެހި، ޢާންމުންނަށް ނާންގައި ސިއްރުން ފަރުވާ ހަދައިފައިވާކަން މިއަދު ރަސްމީކޮށް ހާމަކޮށްފިއެވެ.
ނަތަންޔާހޫގެ އޮފީހުން މިއަދު ޢާންމުކުރި އަހަރީ ޞިއްޙީ ރިޕޯޓުގައިވާ ގޮތުން، 2024 ވަނަ އަހަރުގެ ޑިސެމްބަރުގައި ޕްރޮސްޓޭޓް ބޮޑުވެގެން އޫރުސަލީމުގެ ހެދެސާ ހޮސްޕިޓަލުގައި ސާޖަރީ ހެދިއެވެ. އެއަށް ފަހު ހެދި ސްކޭނަކުން އެއް ސެންޓިމީޓަރަށް ވުރެ ކުޑަ ޓިއުމަރެއް ފެނި، ގާތްގަނޑަކަށް ދެ މަސް ކުރިން ރޭޑިއޭޝަން ތެރަޕީ ކުރިއަށްގެންދިޔައީއެވެ. ނަތަންޔާހޫ ބުނީ ބަލީގެ ޚަބަރު ދެ މަހަށް ފޮރުވީ އީރާނުން ޕްރޮޕެގެންޑާ އަށް ބޭނުންކޮށްފާނެތީ ކަމަށެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ދެކެނީ، ހަނގުރާމައެއްގެ ތެރޭގައި ޤައުމެއްގެ ވެރިއެއްގެ ޞިއްޙީ ޙާލަތު ރައްޔިތުންނަށް ސިއްރުކުރުމަކީ ޑިމޮކްރެސީގެ ހަމަތަކާ ފުށޫއަރާ ކަމެއް ކަމަށެވެ.
ޑޮކްޓަރުން ބުނީ ފަރުވާ ކާމިޔާބު ކަމަށާއި ޓިއުމަރު ފިލައިގެން ގޮސްފައިވާ ކަމަށެވެ. ނަތަންޔާހޫ، 76، މި ކެންސަރު ސިފަކުރީ "ކުޑަ ޞިއްޙީ މައްސަލައެއް"ގެ ގޮތުގައެވެ. އެކަމަކު ނަތަންޔާހޫ އޭނާގެ "ކުޑަ ޞިއްޙީ މައްސަލަ" ހައްލުކުރަމުން ދިޔަ އިރު، ޣައްޒާގައި އެތައް ހާސް ފަލަޞްޠީނު ރައްޔިތުންނެއް ވަނީ އިޒްރޭލުގެ ބޮމާއި ބަނޑުހައިހޫނުކަމުގައި މަރުވެފައެވެ. ދުނިޔޭގެ އެންމެ ޒަމާނީ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާ ލިބުނު އިރު، ނަތަންޔާހޫގެ އަމުރަށް ޣައްޒާގެ ހޮސްޕިޓަލުތައް ބިމާ ހަމަކޮށް، ބަލި މީހުންނާއި ޑޮކްޓަރުން ވެސް ޝަހީދުކޮށްލީއެވެ.
ހަނގުރާމައިގެ ކުރީކޮޅު ނަތަންޔާހޫ މަރުވެއްޖެ ކަމަށް ބުނެ AI އިން ހަދާފައިވާ ފޭކް ފޮޓޯ ދައުރުވިއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ އިން ވެސް އެ ފޮޓޯތައް ބޭނުންކުރިއެވެ. އިޒްރޭލުގައި އޮކްޓޯބަރުގައި އިންތިޚާބު ބާއްވަން ހަމަޖެހިފައިވާ އިރު، ނަތަންޔާހޫގެ ތާއީދު ވަނީ 34 އިންސައްތައަށް ވެއްޓިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް