އައު ވަޒީރު ގީލާ އަލީ އިޖުތިމާޢީ ވުޒާރާގައި - ފޮޓޯ: އެ ވުޒާރާ
މުޖުތަމަޢުގައި ފަހަކަށް އައިސް ހިނގަމުންދާ ނަފްސާނީ ގޮތުން އަސަރުކުރުވާ ފަދަ ހިތާމަވެރި ޙާދިސާތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެ، އެ ފަދަ ޙާދިސާތަކުގެ ވާހަކަ ޒިންމާދާރުކަމާ އެކު ފެތުރުމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މީސްމީޑިއާގައި ފެތުރާ ވާހަކަތަކާއި ހިއްސާކުރާ މަޢުލޫމާތަކީ ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ ފަރާތްތަކަށާއި ވަކިވެދިޔަ ފަރާތްތަކުގެ ޢާއިލާތަކަށް ފޫނުބެއްދޭ ފަދަ ހިތްދަތި އަސަރުތަކެއް ކުރުވާނެ ކަންކަން ކަމަށެވެ. އެހެންވެ ޙަޤީޤަތާ ޚިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް އަދި ކަށަވަރުނުވާ މަޢުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ޢާންމުންނަށާއި މީޑިއާތަކަށް ވުޒާރާއިން އިލްތިމާސްކުރިއެވެ.
ނޫސްބަޔާނުގައި ބުނީ ފާޑުކިޔުމުގެ ބަދަލުގައި އޯގާތެރިކަން އިސްކޮށް، ބިރުވެރިކަމުގެ ބަދަލުގައި އުއްމީދު ކުރިއަށް ނެރުމަށް އެދޭ ކަމަށެވެ. އަދި ޢާއިލާތަކާއި ރައްޓެހިން އަދި މުޅި މުޖުތަމަޢު ގުޅިގެން އެކަކު އަނެކެއްގެ ޙާލުބަލައި، އެއްވެސް ތަފާތުކުރުމެއް ނެތި އަޅާލުމަށް ވެސް ވުޒާރާއިން ބާރުއެޅިއެވެ.
ނަފްސާނީ ގޮތުން ދަތި ޙާލަތެއް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ނޭޝަނަލް މެންޓަލް ހެލްތުގެ ހެލްޕްލައިން 1677 މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ވުޒާރާއިން ބުންޏެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމަށް ދެވޭ ވަގުތީ އަދި ދާއިމީ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ފަންނީ ބޭފުޅުންނާއި ގުޅުންހުރި މުއައްސަސާތަކާ އެކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނޫސްބަޔާނުގައި ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް