ސިންގަޕޫރު ފިރިހެނުންނަށް ލަވް ސްކޭމް ހިންގި 58 މީހުންގެ ބޮޑު ގޭންގެއް އަތުލައިގެންފި - އަންހެނުންނަށް ވެގެން ސްކޭމް ހިންގީ ފިރިހެނުން

މެލޭޝިއާގެ ކެލަންޓަން ސްޓޭޓުގައި ރިސޯޓެއް ކޯލް ސެންޓަރަކަށް ބަދަލުކޮށް، ސިންގަޕޫރުގެ ފިރިހެނުންނަށް އަމާޒުކޮށް ލަވް ސްކޭމް ހިންގި 58 މީހަކު ހައްޔަރުކޮށްފިއެވެ. ކެލަންޓަން ފުލުހުންގެ ވެރިޔާ މުޙައްމަދު ...

24 Apr 2026 | 14:06
އެ ސްކޭމް ހިންގި ކުށްވެރިން -

އެ ސްކޭމް ހިންގި ކުށްވެރިން -

މެލޭޝިއާގެ ކެލަންޓަން ސްޓޭޓުގައި ރިސޯޓެއް ކޯލް ސެންޓަރަކަށް ބަދަލުކޮށް، ސިންގަޕޫރުގެ ފިރިހެނުންނަށް އަމާޒުކޮށް ލަވް ސްކޭމް ހިންގި 58 މީހަކު ހައްޔަރުކޮށްފިއެވެ.

ކެލަންޓަން ފުލުހުންގެ ވެރިޔާ މުޙައްމަދު ޔޫސުފް މަމަތު ބުދަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބުނީ، ތަނާ މެރާ ގައި ހުރި ކުއްޔަށް ހިފާފައިވާ ރިސޯޓެއްގައި ހިންގި މި އޮޕަރޭޝަން ރޫޅައިލީ ކޮމާޝަލް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން އެއްކުރި އިންޓެލިޖެންސް މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށެވެ. ހައްޔަރުކުރި 58 މީހުންގެ ތެރޭގައި 53 ފިރިހެނުންނާއި ފަސް އަންހެނުން ހިމެނެއެވެ. އެ އެންމެންގެ އުމުރު ހުރީ 20 އާއި 30 އާ ދެމެދުގައެވެ. އޭގެ ތެރެއިން 56 މީހުންނަކީ ބިދޭސީން ކަމަށްވާއިރު، ގިނައީ ޗައިނާ ރައްޔިތުންނެވެ. ދެ މީހުންނަކީ މެލޭޝިއާ ރައްޔިތުންނެވެ.

ޔޫސުފް ބުނީ މި ގޭންގުން ސިންގަޕޫރުގެ ފިރިހެނުންނަށް އޮޅުވައިލީ އިންޑޮނީޝިއާ އަންހެނުންގެ ގޮތުގައި ހެދިގެން ކަމަށެވެ. އެ މީހުންގެ އުކުޅަކީ ފުރަތަމަ ވަޓްސްއެޕް މެދުވެރިކޮށް "ހައި" ފަދަ މެސެޖެއް ފޮނުވައި، ވީޑިއޯ ކޯލް ނުކޮށް ގުޅުން ބިނާކޮށް، ފައިސާ ފޮނުވަން ހައްލައިލުން ކަމަށެވެ. ގާތްގަނޑަކަށް މަހެއް ވަންދެން ތިން ސުޕަވައިޒަރެއްގެ ދަށުން ހިންގި މި ނެޓްވޯކުން ސެޓެލައިޓް އިންޓަނެޓް ހިމެނޭ ގޮތަށް އަށް ރައުޓަރު ބޭނުންކޮށް، ފުލުހުންނަށް ދެނެނުގަނެވޭ ގޮތަށް މަސައްކަތް ކުރީ ކަމަށް ވެސް ޔޫސުފް ބުންޏެވެ.

މި އޮޕަރޭޝަނުގައި 46 ކޮމްޕިއުޓަރާއި ފަސް ލެޕްޓޮޕާއި 118 މޮބައިލް ފޯނާއި އަށް ރައުޓަރު ހިމެނޭ ގޮތަށް ޖުމްލަ 179,000 ރިންގިޓުގެ ތަކެތި އަތުލައިގެންފައިވެއެވެ. ސިންގަޕޫރުން އެއްވެސް ރިޕޯޓެއް ހުށަހަޅާފައި ނުވާތީ، ސްކޭމުގައި ޖެހުނު މީހުންނަށް ލިބުނު ގެއްލުމުގެ ޢަދަދު އަދި ހިސާބު ނުޖެހޭ ކަމަށް ޔޫސުފް ބުންޏެވެ. ބިދޭސީންގެ ތެރެއިން 33 މީހުންގެ ވެލިޑް ޓްރެވެލް ޑޮކިއުމެންޓް ހުރި އިރު، ބާކީ ތިބި މީހުންގެ ލިޔެކިޔުންތައް ހަމައެއް ނޫނެވެ. މި މައްސަލަ ތަޙުޤީޤުކުރަމުން ދަނީ މެލޭޝިއާގެ ޕީނަލް ކޯޑުގެ 420 ވަނަ މާއްދާ (މަކަރާ ހީލަތް) އާއި 120ބީ ވަނަ މާއްދާ (ކްރިމިނަލް ކޮންސްޕިރަސީ) ގެ ދަށުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް