ތައި ރަސްގެފާނަށް ފުރައްސާރަކުރި އިދިކޮޅު 44 މީހެއްގެ މައްޗަށް ދަޢުވާ - މަޖިލީހުގެ 10 މެންބަރަކު ހިމެނޭ

ތައިލެންޑުގެ ރަސްގެފާނަށް ފާޑުކިޔުން މަނާކުރާ ޤާނޫނު އިސްލާހު ކުރަން 2021 ވަނަ އަހަރު މަސައްކަތް ކުރި އިދިކޮޅު 44 މީހެއްގެ މައްޗަށް އެތިކްސް ވަޔޮލޭޝަންގެ ދައުވާ ބެލުމަށް ތައިލެންޑުގެ ސުޕްރީމް ކޯޓުން ހ...

24 Apr 2026 | 06:24
ތައި ރަސްގެފާނު ކޮރޮނޭޝަން ހަފުލާގެ ތެރެއިން -

ތައި ރަސްގެފާނު ކޮރޮނޭޝަން ހަފުލާގެ ތެރެއިން -

ތައިލެންޑުގެ ރަސްގެފާނަށް ފާޑުކިޔުން މަނާކުރާ ޤާނޫނު އިސްލާހު ކުރަން 2021 ވަނަ އަހަރު މަސައްކަތް ކުރި އިދިކޮޅު 44 މީހެއްގެ މައްޗަށް އެތިކްސް ވަޔޮލޭޝަންގެ ދައުވާ ބެލުމަށް ތައިލެންޑުގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު (މިއަދު) ނިންމައިފިއެވެ.

ދައުވާ އުފުލާފައިވާ 44 މީހުންގެ ތެރޭގައި ހިމެނެނީ އިދިކޮޅު ޕީޕަލްސް ޕާޓީ އާއި އެ ޕާޓީ ވުޖޫދަށް ގެނައި މޫވް ފޯވާޑް ޕާޓީގެ ކުރީގެ އަދި މިހާރުގެ މެންބަރުންނެވެ. އޭގެ ތެރޭގައި ޕީޕަލްސް ޕާޓީގެ ލީޑަރު ނައްތަޕޮންގް ރުއެންގްޕަންޔާވުތު އާއި ޑެޕިއުޓީ ލީޑަރު ސިރިކެންޔާ ޓެންސަކުލް ހިމެނެއެވެ. މީގެ ތެރެއިން 10 މީހުންނަކީ މިހާރު ވެސް ޕާލަމެންޓުގައި ތިބި މެންބަރުންނެވެ. ނަމަވެސް އެ މެންބަރުން ސަސްޕެންޑް ނުކުރަން ކޯޓުން ނިންމިއެވެ. ޝަރީޢަތް ފެށޭނީ ޖޫން 30 ގައެވެ. ކުށް ސާބިތުވެއްޖެ ނަމަ އުމުރު ދުވަހަށް މަޤާމު ފުރުން މަނާކުރެވިދާނެއެވެ.

ތައިލެންޑުގެ ލީސް-މެޖެސްޓީ ޤާނޫނަކީ ދުނިޔޭގައި ވެސް މިފަދަ އެންމެ ހަރުކަށި އެއް ޤާނޫނެވެ. މި ޤާނޫނުގެ ދަށުން 15 އަހަރާ ހަމައަށް ޖަލު ހުކުމް އައިސްދާނެއެވެ. ފާއިތުވި އަހަރުތަކުގައި އެތައް ސަތޭކަ ބަޔަކު މި ޤާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ. މޫވް ފޯވާޑް ޕާޓީން ވަކާލާތު ކުރީ މި ޤާނޫނު ސިޔާސީ ބޭނުމަށް ނަހަމައިން ބޭނުންކޮށް، އިދިކޮޅު ފަރާތްތައް ހިމޭން ކުރާ ކަމަށެވެ. ނަމަވެސް 2024 ވަނަ އަހަރު ކޯޓުން ނިންމީ އެ ޤާނޫނު އިސްލާހު ކުރުމުގެ ކެމްޕޭނަކީ ޤާނޫނު އަސާސީއާ ޚިލާފު، ޑިމޮކްރެޓިކް ނިޒާމު ގަޑުބަޑުކުރާ ކަމެއް ކަމަށެވެ. އެ ހުކުމާ އެކު މޫވް ފޯވާޑް އުވައިލައި، މެންބަރުން ޕީޕަލްސް ޕާޓީގެ ނަމުގައި އަލުން އެއްވީއެވެ. ޕީޕަލްސް ޕާޓީ ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ބޮޑު ތާއީދެއް ލިބުނު ނަމަވެސް، މި އަހަރުގެ ފެބްރުއަރީ އިންތިޚާބުގައި ދެ ވަނައަށް ދިޔައީ ބޮޑުވަޒީރު އަނޫޓިން ޗަންވިރަކުލް ގެ ބޫމްޖައިތައި ޕާޓީގެ ފަހަތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް