N/A
ސަރުކާރުން މާލޭގައި ޤާއިމުކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓު މާލެ ގެނެސްފިއެވެ.
މި ޝިޕްމަންޓުގައި 60 ކާރު ހިމެނޭ އިރު، ދެވަނަ ޝިޕްމަންޓުގައި ހިމެނޭ ކާރުތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގެނެވޭނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި މަހުގެ ނިމޭ ހިސާބުގައި ނުވަތަ އަންނަ މަހުގެ ދޭއްގައި ޚިދުމަތް ރަސްމީކޮށް ފެށުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީ ވިދާޅުވީ، ޑްރައިވަރުން ހޯދުމާއި ތަމްރީނުކުރުމުގެ މަސައްކަތާއި، ޓެކްސީ ލައިންގައި ބޭނުންކުރާ އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މިއީ 24 ގަޑިއިރު ލިބޭނެ ޚިދުމަތެއް ކަމަށް ސަޢުދީ ވިދާޅުވިއެވެ.

ޓެކްސީ ލައިނުގައި ބޭނުންކުރާނީ ސައްތައިން ސައްތަ ތިމާވެއްޓާ ރައްޓެހި، ޗަންގަން އޮޓޮމޮބިލް ބްރޭންޑުގެ ކާރުތަކެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ އުޅަނދު ހިމެނެއެވެ. ޓެކްސީ ލައިނެއް ޤާއިމުކުރުމަށް އެމްޓީސީސީއާ ޙަވާލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް