އިޒްރޭލުގެ ބޮޑުވަޒީރު ބެންޖެމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޓްރަމްޕާއެކު -
ޣައްޒާގައި އިސްރާއީލުން ކުރިއަށްގެންދާ
ލޭއޮހޮރުވުންތަކަށް ދެ އަހަރު ފުރުނުއިރު، މި ހަމަނުޖެހުންތަކުގެ ސަބަބުން އެ
ޤައުމުގެ އިޤުތިޞާދަށް 57 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ގެއްލުން
ލިބިފައިވާކަން ހާމަވެއްޖެއެވެ.
ބޭންކް އޮފް އިސްރާއީލުގެ 2025 ވަނަ އަހަރުގެ
ރިޕޯޓާ ޙަވާލާދީ ބްލޫމްބާގުން ހާމަކޮށްފައިވާ ގޮތުގައި، 2023 އިން 2025 އަށް އެ
ޤައުމަށް ލިބުނު 177 ބިލިއަން ޝެކެލްގެ މި ގެއްލުމަކީ އެ ޤައުމުގެ އަހަރީ
އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ 8.6 އިންސައްތައެވެ.
މި ބޮޑު އިޤުތިޞާދީ ހީނަރުކަމުގެ އަސްލަކީ ޣައްޒާގައި
ހިންގާ ޤަތުލުޢާންމާއި ލުބުނާނަށް ދެމުންދާ ޙަމަލާތަކަށް ކުރަންޖެހޭ ޚަރަދުތަކެވެ.
ނަމަވެސް، އީރާނާއެކު މިހާރު ހިނގަމުންދާ ހަނގުރާމައިގެ އަސަރުތައް މި
ހިސާބުތަކުގައި އަދި ހިމަނާފައެއް ނުވެއެވެ. ހަނގުރާމައިގެ ޚަރަދުތައް
ހަމަޖެއްސުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓަށް އިތުރު 13 ބިލިއަން ޑޮލަރު
އިތުރުކުރުމަށް އިސްރާއީލުގެ ކެބިނެޓުން މި މަހު ވަނީ ނިންމާފައެވެ.
މީގެ އިތުރުން، އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ
ޔޫރަޕްގެ އަށް ޤައުމަކަށް ކުރާ އެކްސްޕޯޓް 2024 ގައި އެއް ބިލިއަން ޑޮލަރު އަދި
2025 ގައި 1.5 ބިލިއަން ޑޮލަރު ދަށަށް ދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ސިޔާސީ
ނިންމުންތަކުގެ ސަބަބުން ވިޔަފާރިއަށް ކުރާ ނޭދެވޭ އަސަރެއް ކަމަށް މަރުކަޒީ
ބޭންކުން ދެކެއެވެ. އަދި މިދިޔަ ޖޫން މަހު އީރާނާއެކު ކުރި ކުރު ހަނގުރާމައިގެ
ސަބަބުންވެސް ޖީޑީޕީގެ 0.3 އިންސައްތަ ވަނީ އުނިވެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރުން ފެށިގެން
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 72,000 އަށްވުރެ ގިނަ
ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 172,000 އަށްވުރެ ގިނަ
މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ ޢުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ
މުޅިން ސުންނާފަތިވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް