ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު
ދިވެހި ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް
ވަންދެން ޚިދުމަތް ކުރެއްވި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު، އަބްދުއްޝަކޫރު އަބްދުﷲ
މިއަދު އަވަހާރަވެއްޖެއެވެ.
ޝަކޫރު އަވަހާރަވިއިރު އުމުރުފުޅަކީ 75 އަހަރެވެ.
އާއިލާއިން މައުލޫމާތު ދޭ ގޮތުގައި ޝަކޫރު އަވަހާރަވީ
ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު
ހެނދުނު 10:15 ހާއިރުއެވެ. ޝަކޫރުގެ ދަރިކަލުން އަދި ފުލުހުންގެ އިސް އޮފިސަރަކަށް
ކުރިން ހުންނެވި އަހުމަދު ޝުހާދު ވަނީ ފޭސްބުކް މެދުވެރިކޮށް ބައްޕައަށް ހެޔޮ ދުއާ
ކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އާއިލާއިން މިހާރު މަސައްކަތް ކުރަމުންދަނީ
ޝަކޫރުގެ ހަށިގަނޑު ރާއްޖެ ގެނައުމަށެވެ.
އަބްދުއްޝަކޫރު އަބްދުﷲ އަކީ ފުލުހުންގެ ޚިދުމަތުގައި 43
އަހަރަށް ވުރެ ގިނަ ދުވަހު އިޚްލާސްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އޭނާ
ފުލުހުންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ މާޗު ފަހެއް، 2009 ގައެވެ. ރިޓަޔާ ކުރެއްވި
ދުވަސްވަރު ޝަކޫރު ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް ކޮށްދެވުނު
ޚިދުމަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ޝަކޫރުގެ ޙިދުމަތާ ގުޅޭގޮތުން އޭނާ އޭރު ވިދާޅުވެފައިވަނީ
"އަޅުގަނޑު އެންމެ ކުރިންވެސް ނިންމައިގެން ހުރީ 45 އަހަރު ވުމުން މަގާމުން
އިސްތިއުފާ ދޭން. މިހާރު ފުލުހުންގެ ގާނޫނުން ވޮލަންޓަރީކޮށް ރިޓަޔާ ހުށައެޅުމަށް
ފުރުސަތު ލިބުމުން އަޅުގަނޑު އެގޮތަށް ހުށައެޅީ،" ކަމަށެވެ.
ޝަކޫރު އަވަހާރަވުމާ ގުޅިގެން މޯލްޑިވްސް ޕޮލިސް
ސާވިސްއިން ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. ޝަކޫރަކީ ފުލުހުންގެ
މުއައްސަސާގެ ތަރައްގީއަށާއި، ދިވެހި ގައުމަށް އަގުހުރި ޙިދުމަތްތަކެއް ކޮށްދެއްވައިފައިވާ
ނަމޫނާ ޝަޚްސިއްޔަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް