ހިންމަފުށީގައި ހިންގަމުން އަންނަ ބިގް ފިޝް ފެކްޓަރީ -
މެރިން ސްޓުވާޑްޝިޕް ކައުންސިލް (އެމްއެސްސީ) ގެ ސެޓިފިކެޓް ރާއްޖޭގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް ލިބިފައިވާތީ، ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެކަމަށް މަރުޙަބާ ކިޔައިފިއެވެ. މި ސެޓިފިކެޓުގެ ދަށުން ދޮށީގެ މަސްވެރިކަމާއި އަތުނަނުގެ މަސްވެރިކަން ހިމެނެއެވެ.
މި ސެޓިފިކެޓް ހޯދުމުގެ މަސައްކަތް ފެށިފައިވަނީ 2018 ވަނަ އަހަރު، ސިނާޢަތުގެ ފަރާތްތަކާއި އެމްއެސްސީއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ފިޝަރީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް (އެފްއައިޕީ) އެއް އެކުލަވައިލައިގެންނެވެ. ބިގް ފިޝް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝަފިން އަޙުމަދު އެފްއައިޕީގެ ލީޑެއްގެ ގޮތުގައި، މެރިން ސައެންޓިސްޓް ޑރ. ޝިހާމް އާދަމާ އެކު، މި މަސައްކަތުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
މި ސެޓިފިކެޓާ ގުޅޭ ގޮތުން ޝަފިން ވިދާޅުވީ، "މިއީ ރާއްޖޭގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއް. މީގެ ސަބަބުން އެކި ޤައުމުތަކުގެ ރީޓެއިލް ބާޒާރުތަކުން ދިގު މުއްދަތުގެ ޑިމާންޑެއް ލިބުމުގެ ފުރުޞަތު ހުޅުވޭ" ކަމަށެވެ.
އެމްއެސްސީ ސެޓިފިކެޓް ލިބުމާ އެކު، ރާއްޖޭގެ ރީނދޫ އުރަހަ ކަންނެލި ޔޫރަޕުގެ ބޮޑެތި ރީޓެއިލް ސަޕްލައި ޗެއިންތަކަށް ވަނުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެ ގޮތުން ސްވިޒަލެންޑުގެ ބެލް ފުޑް ގްރޫޕާ ގުޅިގެން، ފްރޯޒަން އެމްއެސްސީ ސެޓިފައިޑް ކަންނެލީގެ ޕްރޮޑަކްޓްތައް ރީޓެއިލް ބާޒާރަށް ނެރުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ބިގް ފިޝް މޯލްޑިވްސް އިން ބުނެއެވެ.
ބިގް ފިޝް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ލަޠީފް ވިދާޅުވީ، ރާއްޖޭގެ ރީނދޫ އުރަހަ ކަންނެއްޔަށް ދުނިޔޭގެ އެންމެ މަތީ ފެންވަރު ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން ފެށުނީއްސުރެ އޮތް ކަމަށާއި، މި ސެޓިފިކެޓަކީ އެ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މި ސެޓިފިކެޓުގެ ސަބަބުން މަސްވެރީންނަށް ލިބޭ އާމްދަނީ އިތުރަށް ހަމަޖެހި، ބާޒާރުގައި ރަނގަޅު އަގެއް ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް