N/A
ކޮލަމްބިއާގެ ދެކުނުގައި އޮންނަ ޕުޓުމާޔޯ ޕްރޮވިންސްގެ ޕުއެޓޯ ލެގީސާމޯ އެއާޕޯޓުން ނައްޓާލި ތަނާ ސީ-130 ހާކިއުލީސް އަސްކަރީ މަތިންދާބޯޓެއް ވެއްޓި، މަދުވެގެން 66 މީހުން މަރުވެއްޖެ ކަމަށް ކޮލަމްބިއާގެ ސިފައިންގެ ވެރިޔާ ޖެނެރަލް ހޫގޯ އެލެހާންދްރޯ ލޮޕެޒް ބެރެޓޯ ބުނެފިއެވެ.
ހޯމަ ދުވަހު މި ހާދިސާ ހިނގިއިރު އެ ބޯޓުގައި 128 މީހުން ތިއްބެވެ. އޭގެ ތެރޭގައި 115 އާމީ ސިފައިންނާއި 11 ކުރޫ މެމްބަރުންނާއި ފުލުހުންގެ ދެ މީހުން ހިމެނެއެވެ. ބެރެޓޯ ބުނީ 57 މީހުން ސަލާމަތްކުރެވިފައިވާ ކަމަށާއި ސިފައިންގެ ހަތަރު މީހަކު އަދި ފެނިފައިނުވާކަމަށެވެ.
ކޮލަމްބިއާގެ ވައިގެ ސިފައިންގެ ކޮމާންޑަރު ކާލޮސް ފެނާންޑޯ ސިލްވާ ބުނީ ބޯޓު ވެއްޓުނީ އެއާޕޯޓާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރަށް ކަމަށާއި، ހާދިސާ ހިނގި ސަބަބު އަދި ސާފުނުވާ ކަމަށެވެ. ޑިފެންސް މިނިސްޓަރު ޕެޑްރޯ ސާންޗެޒް ބުނީ ބޯޓު ވެއްޓުނު ސަރަހައްދުން އެއްވެސް ހަތިޔާރުއެޅި ޖަމާއަތެއްގެ ހަމަލާއެއްގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ. ބޯޓުގައި ހުރި ވަޒަންތައް، ރޯވި އަލިފާނުގެ ސަބަބުން ގޮވި ކަމަށް ވެސް ސާންޗެޒް ބުންޏެވެ.
ރައީސް ގޮސްޓާވޯ ޕެޓްރޯ ބުނީ މި ހާދިސާ "ބިރުވެރި" ކަމަށާއި "ހިނގައިގެން ނުވާނެ" ކަމެއް ކަމަށެވެ. ޕެޓްރޯ ބުނީ ސިފައިންގެ ވައިގެ އުޅަނދުތައް ޒަމާނީކުރަން ކުރާ މަސައްކަތަށް "ބިއުރޮކްރެޓިކް ހުރަސްތައް" ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް ޕެޓްރޯގެ ފާޑުކިޔާ ފަރާތްތައް ބުނާ ގޮތުގައި ޕެޓްރޯގެ ސަރުކާރުގައި ބަޖެޓް ކުޑަކުރުމުގެ ސަބަބުން ސިފައިންގެ ބޯޓުތައް އުދުހޭ ގަޑި މަދުވެ، ކުރޫ މެމްބަރުންގެ ތަޖުރިބާ ވެސް ދަށްވެފައިވެއެވެ.
ވެއްޓުނު ހާކިއުލީސް ސީ-130 ބޯޓަކީ 2020 ވަނަ އަހަރު އެމެރިކާއިން ކޮލަމްބިއާއަށް ހަދިޔާކުރި ބޯޓެކެވެ. 2023 ވަނަ އަހަރު އެ ބޯޓު ފުރިހަމައަށް ސާވިސްކޮށް، އިންޖީނުތައް ބަލައި މުހިންމު ބައިތައް ބަދަލުކޮށްފައިވާ ކަމަށް ކޮލަމްބިއާގެ އެވިއޭޝަން ތަޖުރިބާކާރު އެރިކް ސައުމެތު ބުންޏެވެ. ސައުމެތު ބުނީ ބައިތައް ރަނގަޅު ނުވެގެން ވެއްޓުނީ ކަމަށް ނުބެލެވޭ ކަމަށެވެ. ޕުއެޓޯ ލެގީސާމޯ އޮންނަނީ އެމެޒޯން ޖަންގަލީގެ ތެރޭގައި، ޕެރޫ އަދި އިކުއެޑޯގެ ބޯޑަރު ކައިރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް