ބަންޑުން ޖަހާލި ސްޕޯޓްސް ލޯންޗު -
ވ. އަތޮޅު ކެޔޮދޫ ކައިރިން ދުވެލި ބާރު ލޯންޗެއް ބަންޑުން ޖަހާލި ހާދިސާއަށް 72 ގަޑިއިރު ފާއިތުވެގެން ދިޔައިރު ވެސް ގެއްލުނު އިންޑިއާގެ ރެލީ ޗެމްޕިއަން ހަރީ ސިންގް އާއި ކޮމާންޑަރު މަހެޝް ރާމްޗަންދުރަންގެ ހިލަމެއް ނުވެ، ދެ ފަރާތުގެ ޢާއިލާ ވަނީ ޖަވާބު ނުލިބޭ ސުވާލުތަކެއްގެ ތެރޭގައި ކަމަށް ހިންދުސްތާން ޓައިމްސް އިން ރިޕޯޓުކޮށްފައިވެއެވެ.
މާރިޗު 20 ވަނަ ދުވަހުގެ ދަންވަރު 12:20 ހާއިރު ކެޔޮދޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް ދެ ނޯޓިކަލް މޭލު ބޭރުން ހިނގި މި ހާދިސާގައި ލޯންޗުގައި ތިބި ހަތް މީހުންގެ ތެރެއިން ފަސް މީހުން މޫދަށް ވެއްޓުނެވެ. ސަލާމަތީ ބާރުތަކުން ވަނީ އެ ފަސް މީހުން ސަލާމަތްކޮށްފައެވެ. ނަމަވެސް ފަސް ފަހަރެއްގެ ރެލީ ޗެމްޕިއަން ހަރީ ސިންގް، 59، އާއި ކުރީގެ ނޭވީ ކޮމާންޑަރު މަހެޝް ރާމްޗަންދުރަން، 58، ގެ އެއްވެސް ނިޝާނެއް ނުފެނެއެވެ.
ލޯންޗުގައި ތިބި މީހުންނަކީ އިންޑިއާގެ ރޭމޮންޑް އިންޑަސްޓްރީޒްގެ ޗެއާމަން ގޯތަމް ސިންގާނިއާ އާއި އޭނާގެ 15 މިލިއަން ޑޮލަރުގެ ޔޮޓް "އަޝީނާ"ގައި ޗުއްޓީ ހޭދަކުރަމުންދިޔަ ބައެކެވެ. ދަންވަރު ޕާޓީއަކަށް ފަހު ލޯންޗުގައި ރޭސް ޖެހީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ލޯންޗު ދުއްވީ ސިންގާނިއާ ކަމަށް ލޯކަލް ފަރާތްތައް ބުނި ނަމަވެސް، ސިންގާނިއާގެ ތަރުޖަމާނު ބުނީ މިއީ "ސީރިއަސް މެކޭނިކަލް ފެއިލިއާ" އެއް ކަމަށެވެ.
ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާޢު ޢަލީއާއި ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ޤާނޫނު ބުނާ ގޮތުން ބިދޭސީންނަށް އަމިއްލައަށް ރެކްރިއޭޝަނަލް އުޅަނދު ދުއްވުން ހުއްދައެއް ނޫން ކަމަށާއި، އެ ލޯންޗުގައި ދިވެއްސަކު ނެތް ކަމަށެވެ. ދަންވަރު ކަނު އަނދިރީގައި ކަނޑުމަތީ ރޭސް ޖެހުމަކީ ހެޔޮ ވިސްނުމެއްގައި ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ގެއްލުނު ދެމީހުން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ މުއްދަތު އިތުރު ހަތް ދުވަހަށް ދިގުދަންމާލަން ނިންމާފައިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާއާ ގުޅޭ މަޢުލޫމާތު ނުލިބޭތީ ޢާއިލާތައް ކަންބޮޑުވެފައިވާ ކަމަށް އިންޑިއާގެ މޮޓޯ ރޭސިން ދާއިރާގެ ތަޖުރިބާކާރު ވިކީ ޗަންދޯކް ބުނެފައިވެއެވެ. "ޙަޤީޤަތުގައި ވީގޮތް އެއްވެސް މީހަކަށް ނޭނގެ. ލިބިފައި ހުރީ ހައްތަހާ ވެސް އިވޭ އަޑުތައް. އެ ޢާއިލާގެ ޙާލަތު ވިސްނާލާ" ކަމަށް އޭނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް