N/A
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ
ބެޗަށް ހޮވުނު ބައިވެރިން ތަމްރީނު ހެދުމަށް ފުރައިފިއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގެ ދެވަނަ
ބެޗުގައި ރާއްޖޭގެ 112 ރަށަކުން 286 ފިރިހެން، އަދި 64 އަންހެން ދަރިވަރުން
ހިމެނޭހެން ޖުމުލަ 350 ދަރިވަރުން ބައިވެރިވެއެވެ.
މި ތަމްރީނުގެ ބައިވެރިން، އެމްއެންޑީއެފް
ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ ޅ.މާފިލާފުށީގައި ތިން މަސްދުވަހު ތަމްރީނު
ފުރިހަމަކުރާނެއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް
ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި،
ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް
ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް
ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ،
ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ވަރަށް ޚާއްޞަ ވަޠަނީ
މަޝްރޫޢެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤުޞަދުތަކުގެ ތެރޭގައި،
ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް،
އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް
ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާ
އެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ
އެއްބައެއްވަންތަކަމާ އެކު ގުޅިގެން މަސައްކަތްކުރުމުގެ ސިފަ އަށަގަނެފައިވާ،
އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމުކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ
ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ
ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި
ބައްޓަންކުރުން ހިމެނެއެވެ.
ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ
ފުރިހަމަކުރާ ދަރިވަރުންނަށް، ނޭޝަނަލް ސަރވިސް އިނީޝިއަލް ޓްރެއިނިންގ
ފުރިހަމަކުރިކަމުގެ ސެޓްފިކެޓް، ސެޓްފިކެޓް 3 އިން ސިވިލް އެޑިއެކޭޝަން އެންޑް
ލީޑަރޝިޕް ސެޓްފިކެޓް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ އަދި ބޭސިކް ފަސްޓް
އެއިޑް ސެޓްފިކެޓާއި ޕިއަރ އެޑިއުކޭޝަން ޓްރެއިނިންގ ޕްރޮގްރާމު
ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް