ބަނގުރަލުގެ މައްސަލައެއްގައި ޒުވާން އަންހެން ނޫސްވެރިއަކު ހައްޔަރުކޮށް — މުޖުތަމަޢުގައި އަދާކުރާ ދައުރަށް ރިޢާޔަތްކޮށް ޝަރުޠަކާ އެކު ދޫކޮށްލައިފި

ބަނގުރާ ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން ނޫސްވެރިއަކު، މުޖުތަމަޢުގައި އަދާކުރަމުންދާ ދައުރަށް ރިޢާޔަތްކޮށް ޝަރުޠުކުރުމަށް ފަހު ބަންދުން ދޫކޮށްލައިފައިވާ ކަން ބަންދު އަމުރ...

23 Apr 2026 | 13:14
މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -

ބަނގުރާ ގެންގުޅުމާއި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން ނޫސްވެރިއަކު، މުޖުތަމަޢުގައި އަދާކުރަމުންދާ ދައުރަށް ރިޢާޔަތްކޮށް ޝަރުޠުކުރުމަށް ފަހު ބަންދުން ދޫކޮށްލައިފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ދޫކޮށްލީ ގދ. މަޑަވެލިއަށް ނިސްބަތްވާ 19 އަހަރުގެ އަންހެން ނޫސްވެރިޔެކެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅުމާއި އެ ތަކެތި ބޭނުންކުރުމުގެ ކުށެވެ. ފުލުހުންގެ ޚިދުމަތުން މި މައްސަލައިގައި އޭނާ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސްޤާޟީ އާދަމް މުޙައްމަދު މިއަދު ނެރުއްވި ބަންދު އަމުރުގައި ވަނީ، އޭނާ އަކީ ކުރީގެ ހައްޔަރު ނުވަތަ ބަންދު ރެކޯޑެއް އޮތް ފަރާތެއް ނޫން ކަމަށާއި، މިހާރު މުޖުތަމަޢުގައި އަދާކުރަމުންދާ ދައުރާއި، ތުހުމަތުކުރެވޭ ކުށާ ގުޅިގެން ދަޢުވާ ކުރާ ހާލަތުގައި އަންނާނެ އަދަބަށް ވެސް ރިޢާޔަތް ކުރެއްވުމަށް ފަހު، އިތުރަށް ބަންދުގައި ބެހެއްޓުމުގެ ޟަރޫރަތެއް ނެތް ކަމަށް ނިންމެވީ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލީ މިއަދު މެންދުރު ފަހު 1:30 ގައެވެ.

ބަންދު އަމުރުގައި ފާހަގަކޮށްލެވޭ ކަމަކީ "މުޖުތަމަޢުގައި އަދާކުރަމުންދާ ދައުރު" ބަންދުން ދޫކޮށްލުމުގެ ސަބަބެއްގެ ގޮތުގައި ހިމަނައިފައި ވާ ކަމެވެ. ދޫކޮށްލީ ޝަރުޠުކޮށެވެ.

ދުވަހު އަށް އެނގިފައިވާ ގޮތުގައި އެ ނޫސްވެރިޔާ ވަޒީފާ އަދާކުރަމުންދިޔަ ނޫހުގެ ވެބްސައިޓުން އޭނާގެ ޕްރޮފައިލް މިހާރު ވަނީ ރިމޫވް ކޮށްފައެވެ. ނަމަވެސް އޭނާގެ ބައިލައިންގައި ލިޔެފައިވާ ބައެއް އާޓިކަލްތައް އަދިވެސް ވެބްސައިޓުގައި ފެންނަން ހުއްޓެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އިޖުރާއާތާ އެއްގޮތަށް ކަމަށް ވެސް ބަންދު އަމުރުގައި ކަނޑައަޅައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް