420 ދުވަހުން ނިންމަން ހަވާލުކުރި އެސްޖޭ މިސްކިތު މަސައްކަތަށް 1,547 ދުވަސް - މިނިސްޓްރީން މިއަދު ބުނީ ބޮޑު ބައެއް ނިމިފައިވާ ކަމަށް

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބިނާކުރާ 1,400 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އިސްލާމީ ކަން...

23 Apr 2026 | 08:57
މިނިސްޓްރީން މިއަދު ހިއްސާކުރި އެއް ފޮޓޯ -

މިނިސްޓްރީން މިއަދު ހިއްސާކުރި އެއް ފޮޓޯ -

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަޙައްދުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބިނާކުރާ 1,400 މީހުންގެ ޖާގައިގެ މިސްކިތުގެ ޢަމަލީ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނެފިއެވެ.

ވުޒާރާ އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މި މަޢުލޫމާތު ހިއްސާކުރި ނަމަވެސް، މި މިސްކިތުގެ މަސައްކަތް އެސްޖޭ އާ ހަވާލުކުރީ ޖެނުއަރީ 2022 ގައި 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ މުއްދަތަށް ބަލާ ނަމަ ނިމެންވީ 2023 ވަނަ އަހަރުގެ މާޗް ހިސާބުގައެވެ. ނަމަވެސް މިއަދަށް 1,547 ދުވަސް ފާއިތުވީ އިރު ވެސް މިސްކިތް ނުނިމެއެވެ.

މި މިސްކިތް ބިނާކުރުން ދިގުލައިގެން ދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން ބޮޑުވެފައިވެއެވެ. މިސްކިތް ބިނާކުރުމަށް ލިބުނު ޑިއުޓީ އެގްޒެމްޕްޝަން ކުންފުނީގެ އެހެން ޕްރޮޖެކްޓްތަކަށް ބޭނުންކުރާ ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ.

ހިޔާ ފްލެޓް ސަރަޙައްދުގައި ގާތްގަނޑަކަށް 40,000 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ އިރު، އެ ސަރަޙައްދުގައި ދާއިމީ މިސްކިތްތައް މަދުކަމުގެ ޝަކުވާ ރައްޔިތުން ދަނީ ކުރަމުންނެވެ. މިދިޔަ އަހަރު ޑިސެމްބަރުގައި މުނީ ހޯމްކެއާ އިން ބިނާކުރި 1,200 ޖާގައިގެ މަސްޖިދުލް އީމާން ހުޅުވައި ޚިދުމަތް ދޭން ފެށި ނަމަވެސް، ބޮޑު އާބާދީއަކަށް އެ މިސްކިތް އެކަނި ނުފުދެއެވެ.

ވުޒާރާ އިން މިސްކިތުގެ ޢަމަލީ މަސައްކަތުގެ ފޮޓޯތައް ހިއްސާކުރި ނަމަވެސް، މިސްކިތް ހުޅުވާނެ ސީދާ ތާރީޚެއް ހާމައެއް ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް