ކުއްޖާގެ ސީދާ މެސެޖުތައް ލައިވް ޓީވީގައި ކިޔާދިނުން - ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އުސޫލާ ފުށޫ އަރާ!

އެމްއެންޔޫ ދަނާލުގައި 18 އަހަރުގެ ކުއްޖަކު ނިޔާވި ޙާދިސާއާ ގުޅިގެން، ހޯމް ވުޒާރާގެ ޕްރެސް ކޮންފަރެންސެއްގައި ވަޒީރު ވަނީ ނިޔާވި ކުއްޖާ އެންމެ ފަހު ވަގުތުގައި ފޮނުވި މެސެޖުތައް، ޓައިމްސްޓޭމްޕާ އެކު، ލަ...

23 Apr 2026 | 07:42
ވަޒީރު އިހުސާން -

ވަޒީރު އިހުސާން -

އެމްއެންޔޫ ދަނާލުގައި 18 އަހަރުގެ ކުއްޖަކު ނިޔާވި ޙާދިސާއާ ގުޅިގެން، ހޯމް ވުޒާރާގެ ޕްރެސް ކޮންފަރެންސެއްގައި ވަޒީރު ވަނީ ނިޔާވި ކުއްޖާ އެންމެ ފަހު ވަގުތުގައި ފޮނުވި މެސެޖުތައް، ޓައިމްސްޓޭމްޕާ އެކު، ލައިވް ޓީވީގައި ތަފްސީލުކޮށް ކިޔައިދީފައެވެ. ވަޒީރު ވިދާޅުވީ ސޯޝަލް މީޑިއާގައި ފެތުރެނީ ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ކަމަށާއި، ރަނގަޅު މަޢުލޫމާތު ހާމަކުރެއްވީ ކަމަށެވެ. ނަމަވެސް މި ގޮތަށް މަޢުލޫމާތު ހާމަކުރުމަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ގައިޑްލައިންތަކާ ސީދާ ފުށޫ އަރާ ކަމެކެވެ.

ޑަބްލިޔުއެޗްއޯ ބުނަނީ ކީކޭ؟

ޑަބްލިޔުއެޗްއޯ އާއި އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ސުއިސައިޑް ޕްރިވެންޝަން (އައިއޭއެސްޕީ) ގުޅިގެން 2023 ގައި އެންމެ ފަހުން އަޕްޑޭޓް ކުރި ގައިޑްލައިންގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ — ނިޔާވި ފަރާތުގެ ނޯޓު، މެސެޖު، ސޯޝަލް މީޑިއާ ލިންކް، ފޮޓޯ ނުވަތަ ސީންގެ ތަފްސީލު އެއްވެސް ގޮތަކަށް ޢާންމު ނުކުރުމަށެވެ.

މި ގައިޑްލައިނަކީ ހަމައެކަނި މީޑިއާއަށް ހެދިފައިވާ އެއްޗެއް ނޫނެވެ. ޢާންމުންނާ މަޢުލޫމާތު ހިއްސާކުރާ ކޮންމެ ފަރާތަކަށް — ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް — މި އުސޫލު ހިނގައެވެ.

ތަފްސީލު ހާމަކުރީމާ ވާ ގޯހަކީ ކޮބާ؟

ދިރާސާތައް ތަކުރާރުކޮށް ދައްކާ ޙަޤީޤަތެއް އެބައޮތެވެ. ނިޔާވި ފަރާތުގެ ފަހު ވަގުތުގެ ބަސްތައް، ގޮތާއި ވަސީލަތް، އަދި ތަފްސީލީ ޓައިމްލައިން ޢާންމުކުރީމާ "ވާދާ އިފެކްޓް" ނުވަތަ ކޮޕީކެޓް ޙާދިސާގެ ނުރައްކާ ބޮޑުވެއެވެ. އެ ވަގުތު ނާޒުކު ހާލަތެއްގައި ހުރި މީހަކު އެ ތަފްސީލުތައް ފެނީމާ، އެ ޢަމަލު "ނޯމަލައިޒް" ވެ، ތިމާ ވެސް ހަމަ އެ ގޮތަށް ޢަމަލު ކޮށްފާނެ ކަމުގެ ފުރުޞަތު ބޮޑުވެއެވެ.

އެމެރިކާގައި ކުރެވުނު ދިރާސާއެއް ދައްކާ ގޮތުގައި، ޒުވާނުންގެ މި ފަދަ ޙާދިސާތައް ނޫސްތަކުގައި ފުރަތަމަ ސަފުހާގައި ޖެހި، ގޮތުގެ ތަފްސީލު ހިމެނި ކޮމިއުނިޓީތަކުގައި، ޖެހިޖެހިގެން ހިނގާ ކްލަސްޓާ ޙާދިސާތައް ފެނުން ގިނައެވެ.

ދޮގު މަޢުލޫމާތު ރަނގަޅުކުރެވޭނީ ކިހިނެއް؟

ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތު ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ ގައިޑްލައިނާ އެއްގޮތަށް އެކަން ކުރެވޭނީ ނިޔާވި ފަރާތުގެ ސީދާ ބަސްތައް ތަކުރާރު ނުކޮށް، ޙާދިސާގެ ތަފްސީލީ ޓައިމްލައިން ޢާންމު ނުކޮށެވެ. "ފުލުހުންގެ ވިކްޓިމް ސަޕޯޓުން ވަނީ ރެސްޕޮންޑް ކޮށްފައި" — މި މިންވަރުން ދޮގު މަޢުލޫމާތު ރަނގަޅު ކުރެވުނީހެވެ. ކުއްޖާގެ ކޮންމެ މެސެޖެއް ކިޔައިދިނުމެއް ނެތި.

ރަނގަޅު ގޮތް

ޑަބްލިޔުއެޗްއޯ ބާރު އަޅަނީ މި ފަދަ ޙާދިސާތައް ރިޕޯޓު ކުރާ އިރު، އެހީ ހޯދޭނެ ނަންބަރުތަކާއި ވަސީލަތްތައް ހިމެނުމަށާއި، ނަފްސާނީ ކާރިސާއަކުން އަރައިގަތް މީހުންގެ ވާހަކަ ގެނެސްދިނުމަށެވެ. މި ގޮތަށް ރިޕޯޓު ކުރީމާ ނާޒުކު ހާލަތުގައި ތިބި ފަރާތްތައް އެހީ ހޯދުމަށް ހިތްވަރު ލިބެއެވެ.

ސޯޝަލް މީޑިއާގައި ފެތުރޭ ދޮގު މަޢުލޫމާތު ހުއްޓުވުމަށް ސަރުކާރުން ބާރު އެޅުމާ އެކު، ސަރުކާރުގެ މުއައްސަސާތަކުން ވެސް ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް މަޢުލޫމާތު ހާމަކުރުމުގެ ގައިޑްލައިނެއް ހެދުމަކީ މިހާރު ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނަފްސާނީ އެހީ ބޭނުންވާ ފަރާތްތައް 1677 (ނެޝަނަލް ހެލްޕްލައިން) އަށް ގުޅައިލެއްވުން އެދެމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް