ޓްރަމްޕް ބުނަނީ އީރާނާއެކު މަޝްވަރާ ކުރެވިއްޖެ ކަމަށް - އީރާނުން ބުނަނީ އެއީ ބުހުތާނު ދޮގުކަމަށް

އީރާނާއެކު ފާއިތުވި ދެ ދުވަހު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ނަމަވެސް، އެމެރިކާއާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒ...

23 Mar 2026 | 16:37
N/A

N/A

އީރާނާއެކު ފާއިތުވި ދެ ދުވަހު ކާމިޔާބު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނި ނަމަވެސް، އެމެރިކާއާ އެއްވެސް މަޝްވަރާއެއް ކުރެވިފައި ނުވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޓްރަމްޕް އޭނާގެ ޓްރޫތް ސޯޝަލް ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް ފުރިހަމައަށް ހައްލުކުރުމާ ގުޅޭ ގޮތުން ވަރަށް ރަނގަޅު އަދި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެ މަޝްވަރާތައް މި ހަފުތާ ތެރޭ ކުރިއަށް ދާނެ ކަމަށް ބުނެ، އީރާނުގެ ހަކަތައިގެ ވަސީލަތްތަކަށް ރާވާފައިވާ ހަމަލާތައް ފަސް ދުވަހަށް ފަސްކުރުމަށް ޑިޕާޓްމަންޓް އޮފް ވޯ އަށް އަމުރުކޮށްފައިވާ ކަމަށް ޓްރަމްޕް ބުންޏެވެ.

ނަމަވެސް އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާޢީލް ބަޣާއީ ވަނީ ޓްރަމްޕްގެ ވާހަކަ ދޮގުކޮށްފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަޣާއީ ބުނީ ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން އެމެރިކާއިން މަޝްވަރާ ކުރަން އެދޭ ކަމުގެ މެސެޖު ބައެއް ރަޙުމަތްތެރި ޤައުމުތައް މެދުވެރިކޮށް ލިބިފައިވާ ކަމަށެވެ. އީރާނުގެ މުހިންމު ވަސީލަތްތަކަށް ހަމަލާ ދީފި ނަމަ ކުރިމަތިވާނެ ނުރައްކާތެރި ނަތީޖާތަކާ ގުޅޭ ގޮތުން އީރާނުން އިންޒާރު ދީފައިވާ ކަމަށް ވެސް ބަޣާއީ ބުންޏެވެ.

ބަޣާއީ އިތުރަށް ބުނީ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭ ގޮތުން އީރާނުގެ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށާއި، ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތައް ވެސް ބަދަލުވެފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް