ހިޔާރޯދީގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ - ފައިލް ފޮޓޯ: އެމްއެންޑީއެފް
ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގ. ހިޔާ ރޯދި ގޭގައި ހުޅުޖެހި މައްސަލައިގައި ހައްޔަރުކުރި މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ ހުޅުޖެހުމާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މިއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތެކެވެ.
ބަންދު އަމުރުގައިވާ ގޮތުން، މި މަހުގެ 18 ވަނަ ދުވަހު ހިނގި އެ ހާދިސާގެ ކުރިން ޝަޙްބާން އެ ގެއަށް ވަދެ ނިކުމެގެން ދިޔަ ފަހުން ގޭގައި އަލިފާން ރޯވެފައިވާ ކަމަށް އައި.އޯ ބުނެފައިވެއެވެ. އަދި އެކަމަށް ބާރުދޭ ޓައިމްލައިނާއި ފޮޓޯ ރިޕޯޓު ހެކީގެ ގޮތުގައި ހުށަހެޅިފައިވެއެވެ. ކޯޓުން ޝަޙްބާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ބެލެވޭތީއެވެ. ޝަޙްބާންގެ ފަރާތުން ވަކީލަކު އައްޔަންކުރަން ބޭނުންވާ ކަމަށް ބުނެފައިވާތީ، ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރީ ކަމަށް އަމުރުގައިވެއެވެ.
ގ. ހިޔާ ރޯދި ގޭގައި މި މަހުގެ 18 ވަނަ ދުވަހު ރޯވި އަލިފާނުގެ މައުލޫމާތު އެ ދުވަހު 10:47 ގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިގެން ފަޔަރފައިޓަރުން ހަރަކާތްތެރިވެ، 14:02 ހާއިރު އަލިފާން އެއްކޮށް ނިއްވާލައިފައިވެއެވެ. އެ ގެއަކީ މީހުން ދިރިނޫޅޭ ގެއެކެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް