ރައީސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް
މެދުއިރުމަތީގައި ހިނގާ ހަނގުރާމައާ ގުޅޭ ގޮތުން، ރާއްޖެއަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާއްޞަ މަންދޫބާ ދައްކަވާނެ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއް ހަނގުރާމައަކަށް ބޭނުންކުރުމުގެ ހުއްދަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިޒުރޭލު ނޫން ކޮންމެ ޤައުމެއްގެ ވެރިޔަކު ރާއްޖެ ވަޑައިގަތަސް މަރުޙަބާ ކިޔާނެ ކަމަށާއި އެ ނޫން ހުރިހާ ޤައުމަކާ ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށެވެ. އެމެރިކާ ސަރުކާރުން އިސް ބޭފުޅަކު ރާއްޖެ ވަޑައިގަންނަވަން އެދިވަޑައިގެންފި ނަމަ އެ ފުރުޞަތު ނުދިނުމަކީ ވަރަށް އައިބު ކަމަކަށް ވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އެއްވެސް ތަނެއްގައި ކުރާ ހަނގުރާމައެއްގެ ބޭނުމަކަށް ރާއްޖޭގެ އެއްގަމާއި ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގައި އެއްވެސް ޤައުމަކުން ދެނީ ދޭން ޖެހޭ ހަމަލާތަކެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
"އީރާނުން ހަމަލާދެންޏާ ދޭން ޖެހޭނީ ސީދާ އިޒުރޭލަށް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒުރޭލަށް ހަމަލާދޭންވީ ރެއާއިދުވާލު. މުސްލިމު އަރަބި ގައުމުތަކަށް ހަމަލާދިނީމަ ހަމަ މުސްލިމުން މަރުވާނީ ވެސް، ތަންތަން ހަލާކުވާނީ ވެސް" ކަމަށް ރައީސް ވިދާޅުވިއެވެ.
އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަ ޚާއްޞަ މަންދޫބު ސާޖިއޯ ގޯ ރާއްޖެ ވަޑައިގެންފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި މި ދަތުރުގެ މައިގަނޑު މަޤުޞަދަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ ގުޅުންތައް ބަދަހިކުރުމާއި ސަރަޙައްދީ ރައްކާތެރިކަމާ ގުޅޭ ގޮތުން މަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް