ބޯހިޔާވަހިކަމަށް އެދޭއިރު ބިން ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާއަށް ދެވޭ ގޮތް ހަދަނީ

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާއިރު 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހުން އެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އުސޫލުގައި އޮތް ބައި އިސްލާހު...

23 Mar 2026 | 07:32
މިއަދުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ޕްރެސް ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ބިމަށް ކުރިމަތިލާއިރު 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮންނަ މީހުން އެ ބިން ދައުލަތަށް ދޫކޮށްލަންޖެހޭ ގޮތަށް އުސޫލުގައި އޮތް ބައި އިސްލާހުކޮށް، އެ ބިން އާއިލާގެ މީހަކަށް ދެވޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ މިހާރު އޮންނަ އުސޫލުގެ ދަށުން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނަމަ އެތަން ދައުލަތަށް ދޫކޮށްލަންޖެހޭ ކަމަށާއި، ނަމަވެސް އެ ބައި ބަދަލުކޮށް އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑެއްބަފާ މީހުންގެ ތެރެއިން ބޭނުން މީހަކަށް ބިން ދޫކޮށްލެވޭ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި އެ ގޮތަށް އުސޫލު ބަދަލުކޮށް އާންމުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ސަރުކާރަށް ދޫކޮށްލާކަށް ނުޖެހޭނެ. އެހެންވީމަ ސްޕައުސް، ދަރިން އަދި އެއްބަނޑުއެއްބަފާ ފަރާތްތައް. އެހެންވީމާ މީގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އެ މީހާ ދައުލަތަށް ބިންކޮޅު ދޫކޮށްލުމުގެ ބަދަލުގައި އެގޮތަށް ދޫކޮށްލެވޭ ގޮތަށް މި ބަދަލުކުރަނީ" ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބުނު މީހުންނާ މެދު ވެސް އަމަލުކުރާނީ ހަމަ އެ ގޮތަށް ކަމަށެވެ. ނަމަވެސް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ސްކީމުގެ ފްލެޓެއް ދޫކޮށްލާ ނަމަ އެ ފްލެޓު ހަވާލުކުރަންޖެހޭނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ.

"ފްލެޓު ހަވާލުކުރަންޖެހޭނީ ސަރުކާރަށް. ބިންކޮޅު މިހާރު ވަރަށް ގިނަ ފަރާތްތަކުން އިންވެސްޓްކޮށްފައި ހުރީ. ލޯނު ނަގައިގެން ހަދާފައި ވެސް ހުރީ. ދެން ވަރަށް ކޮމްޕްލިކޭޓެޑް ހާލަތްތައް ހުރީ" ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް އިތުރު ބުރައެއް އުފުލަންޖެހޭ ފަދަ ކަމެއް ކުރައްވަން ބޭނުންފުޅު ނުވާ ކަމަށާއި، އާއިލާގެ ތެރޭގައި އެ ބިން ބޭއްވޭނެ ގޮތަށް އިސްލާހު ގެންނަނީ އެ ސަބަބާ ހުރެ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް