ރައީސް މުޢިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި - ފޮޓޯ: ރައީސް އޮފީސް
މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ޚާއްޞަ ބިލެއް މަޖިލީހުގެ މި ދައުރުގައި ފޮނުއްވާނެ ކަމަށާއި، ބިލު ފާސްވެ ތަޞްދީޤު ކުރެއްވުމުން ހުރިހާ މަރުޙަލާއެއް ފުރިހަމަވާ ފަރާތްތަކުގެ މައްޗަށް މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ހަފްތާ ޕްރެސް ކޮންފަރެންސްގައެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމެއް ކަމަށާއި، މަރުގެ ހުކުމް ނުއިއްވާ އޮތުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮންނަ ޗޮއިސްއެއް ނޫން ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަރާލެވުނު ފަރާތުގެ ޢާއިލާއިން މާފު ނުދީ ހުރިހާ މަރުޙަލާއެއް ނިމިފައި ތިބި މީހުން އެބަ ތިއްބެވެ. އަދި ޑްރަގް ޓްރެފިކިންގެ ޤާނޫނަށް ގެނެވުނު އިޞްލާޙުގެ ދަށުން މަރުގެ އަދަބު މިހާރު ވަނީ އިތުރުކުރެވިފައެވެ.
ރައީސް ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކަންތައް މިހާތަނަށް އޮތީ ތަންފީޒު ނުކުރެވި ކަމަށާއި، މިކަން ޤާނޫނީ ފްރޭމްވޯކް ތެރެއަށް ސްޓްރީމްލައިން ކުރަން ޖެހޭ ކަމަށެވެ. މިއަދާ ހަމައަށް މިކަމާ ގުޅޭ ޤާނޫނެއް ނެތް ކަމަށާއި، ހަމައެކަނި އުސޫލަކުން ނުވަތަ ގަވާއިދަކުން މިކަން ކުރެވިގެން ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"މިއީ ޢަދުލު އިންސާފާ ސޯޝަލް ޖަސްޓިސް ޤާއިމުކުރުމަށް ކުރަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް