މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުން - ފައިލް ފޮޓޯ: ޕޮލިސް
މާލޭގެ ގެސްޓް ހައުސްއަކާއި އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ޑްރަގާ އެކު ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އުފުލައިފިއެވެ.
ދައުވާ އުފުލާފައިވަނީ ހަސަން އަނަސް، 22، ދަފްތަރު 10367 އާއި މޫސާ ޝަހީމް، 22، އަތަގަސްދޮށުގެ، ދޫޑިގަން ޏ. ފުވައްމުލައް އާއި ހުސައިން ޝަރުވާން، 25، އާވެލި، ބ. ގޮއިދޫ އަދި ނޭޕާލް ރައްޔިތެއް ކަމަށްވާ ނިޝާ ރާއީ، 21، ގެ މައްޗަށެވެ.
މި ހަތަރު މީހުން ހައްޔަރުކުރީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، ވިޔަފާރިކުރާ ކަމުގެ މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ބުނެއެވެ. އެ އޮޕަރޭޝަނުގައި ގެސްޓް ހައުސް އާއި އެޕާޓްމަންޓުން 377.39 ގްރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ނިޝާ ރާއީގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަން ބަންދު އަމުރުން އެނގެއެވެ. އެ އަމުރުގައިވާ ގޮތުން، ދައުވާކުރެވޭ މިންވަރަށް ހެކި ހުރުމުން ޕީޖީ އޮފީހުން ވަނީ ޓްރެފިކިންގެ ދައުވާ އުފުލައިފައެވެ. އަދި ބަންދު ނުކޮށްފި ނަމަ ފިލައިފާނެ ކަމަށް ފެންނާތީ އާއި މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ނިޝާ ރާއީ ފުރަތަމަ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު ޖެހީ އެންމެ ދުވަހެކެވެ. ދެ ވަނަ ފަހަރަށް ވެސް ދިނީ އެއް ދުވަހެވެ. ތިން ވަނަ ފަހަރަށް ފަސް ދުވަސް ޖެހުމަށް ފަހު، އިއްޔެ ވަނީ 15 ދުވަހުގެ ބަންދުގެ އަމުރެއް ނެރެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް