N/A
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވާލިއިރު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވި މުޙައްމަދު ނަޝީދުގެ މައްޗަށް، ޕާޓީން ދައްކަންޖެހޭ 4.04 މިލިއަން ރުފިޔާގެ ދަރަނި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި ދަރަންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ޢާމިރު ހިންގެވި ޕްރޮޑަކްޝަންގެ ދެ ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް ޑީއާރްޕީގެ ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި ސާމާނު ފޯރުކޮށްދީގެން ދީފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެ ފައިސާ ނުދެއްކުމުން ޖޫރިމަނާ ގޮތުގައި 16.3 މިލިއަން ރުފިޔާ އެރި ނަމަވެސް، ހައި ކޯޓުން ކުރީން ނިންމާފައިވަނީ ޖޫރިމަނާ އެއްކޮށް އުނިކޮށް، ޚިދުމަތުގެ އަގު އެކަނި ނަގައިދިނުމަށެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކުރިއެވެ.
ޢާމިރުގެ ފަރާތުން ޚިދުމަތުގެ އަގަށްވާ ހަތަރު މިލިއަން ރުފިޔާ ހޯދުމަށް ސިވިލް ކޯޓަށް ތަންފީޒީ މައްސަލައެއް ހުށަހެޅީ ނަމަވެސް، އެ މައްސަލަ ކޯޓުގައި އޮއްވާ ސިޔާސީ ޕާޓީއެއްގެ ޝަރުޠުތައް ފުރިހަމަނުވާތީ ޑީއާރްޕީ ވަނީ އުވައިލައިފައެވެ. އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ ޕާޓީގެ ދަރަންޏަށް ޒިންމާވާންޖެހޭނީ ޕާޓީ އުވައިލިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. ނަޝީދުގެ ފަރާތުން މި މައްސަލާގައި ކޯޓުގައި ޖަވާބުދާރީވެފައެއް ނުވެއެވެ. އެހެންވެ، ސިވިލް ކޯޓުން ހުކުމްކުރީ ނަޝީދު ޣައިރު ހާޒިރުގައި، 4.04 މިލިއަން ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު ޕާޓީގެ ގޮތުގައި ކުރީން އޮތް ޑީއާރްޕީ 2011 ވަނަ އަހަރު ބައިބައިވިއިރު، އެ ޕާޓީގެ އެތައް މިލިއަން ރުފިޔާގެ ދަރަނި ހުއްޓެވެ. އޭގެ ތެރެއިން އެމްޓީސީސީއަށް ދައްކަންޖެހޭ 1.1 މިލިއަން ރުފިޔާގެ ދަރަންޏަށް ޕާޓީގެ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ޒިންމާކުރުވަން ވެސް އެ ކުންފުނިން މަސައްކަތްކުރި ނަމަވެސް، ފަހުން ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް