N/A
މާލީ ދާއިރާ ތަރައްޤީ ކުރުމުގެ ހަރަކާތްތައް އިފްތިތާޙު
ކުރުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި
ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ
މަރުކަޒީ ބޭންކުގެ ގަވަރުނަރު އަޙްމަދު މުނައްވަރާއި އެ ބޭންކުގެ އިސްވެރިންނެވެ.
މި ރަސްމިއްޔާތުގައި ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް
ސްޓްރެޓެޖީ ( އެން.އެފް.އައި.އެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް
(އެން.އެސް.އެފް.އާރ) އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު
މުޢިއްޒުއެވެ.
މާލީ ނިޒާމުގެ ތެރެއިން ލިބެންހުރި ޚިދުމަތްތައް ފުޅާކޮށް
ޚިދުމަތް ލިބޭނެ މަގު ފަހިކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި
މޫސުމީ ކާރީސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގައި މާލީ ދާއިރާގެ ދައުރު ފުޅާކުރުމުގެ
މަގުސަދުގައި ތަޢާރަފްކުރި މި ދެ ސްޓެރެޓެޖީއަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ އިތުރަށް
ފުޅާވުމުގެ އިތުރުން ދިވެހި އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީއަށްވެސް އޭގެ ހެޔޮ
އަސަރުކުރާނެ ދެ ސްޓެރެޓެޖީއެވެ.
ނެޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓެޖީ ނުވަތަ
މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީއަކީ މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ
މަގު ތަނަވަސްކޮށް، އެ ޚިދުމަތްތައް ބޭނުންކުރުން އިތުރުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ
ސްޓްރެޓެޖީއެކެވެ.
ނެޝަނަލް ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕަކީ މޫސުމަށް
އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ ނިޒާމުގެ
ދައުރު ފުޅާކުރުމުގެ މަޤުޞަދުގައި އެކުލަވާލެވިފައިވާ ރޯޑްމެޕެކެވެ. މި ރޯޑްމެޕުން
ތިމާވެއްޓާއި ރައްޓެހި، އިޖުތިމާޢީ އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅިފައިވާ މާލީ
އުފެއްދުންތައް ތަޢާރަފްކުރުމަށް ހިތްވަރުދީ، މިކަމާ ގުޅޭ ގަވާއިދުތައް ހަރުދަނާކޮށް،
މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށާއި، އިއާދަކުރަނިވި ހަކަތައާއި، ސަސްޓެއިނަބަލް
ހައުސިންގ ފަދަ ދާއިރާތަކަށް ވުނަކުރުމަށް ބޭނުންވާ ފަންޑް މާލީ ނިޒާމުގެ ތެރެއިން
ލިބޭނެ މަގު ތަނަވަސްކުރެވިގެންދާނެއެވެ.
މި ރަސްމިއްޔާތުގައި " ޕޭމަންޓް މޯލްޑިވްސް"
ވެސް މިއަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ.
މިކުންފުނި އިފްތިތާޚްކޮށްދެއްވީ މަރުކަޒީ ބޭންކުގެ
ގަވަރުނަރު އަޙްމަދު މުނައްވަރެވެ.
"ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އަކީ ދިވެހިރާއްޖޭގެ
ޕޭމަންޓް ސިސްޓަމް ތަރައްގީކޮށް އާންމުންނާއި ވިޔަފާރިތަކަށް ބޭނުންކުރަން ފަސޭހަ ޕޭމަންޓް
ޚިދުމަތްތަކެއް، މިހާރަށްވުރެ ހަލުވިކޮށް ތައާރަފް ކުރެވޭނެ ފަދަ އިންފްރާސްޓްރަކްޗަރއެއް
ގާއިމް ކުރުމުގެ މަގުސަދުގައި މަރުކަޒީ ބޭންކުން އުފެއްދި ކުންފުންޏެކެވެ.
ޕޭމަންޓް މޯލްޑިވްސް ވެގެން ދާނީ މަރުކަޒީ ބޭންކު، އެމްއެމްއޭގެ
މަސްއޫލިއްޔަތާއި ވަކިކުރެވި، ފަވަރަ އާއި އޮޓޯމޭޓެޑް ކްލިއަރިން ހައުސް (އޭސީއެޗް)
ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް މެދުވެރިކޮށް ދެވޭ ޚިދުމަތްތައް ވަކި މެނޭޖްމަންޓެއްގެ
ދަށުން ކުރިއެރުވުމުގެ ޒިންމާ މަތިކުރެވިފައިވާ ކުންފުންޏަކަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިރަސްމިއްޔާތުގައި މަރުކަޒީ
ބޭންކަށް އެކިއެކި ގޮތްގޮތަށް އެހީތެރިވެފައިވާ ފަސް ފަރާތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ
ގޮތުން ވަނީ ހަނދާނީ ފިލާ ޙަވާލުކުރައްވާފައެވެ. މިފިލާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ
ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް