ހުޅުމާލޭ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން 10 ބުރިއަށް ބަދަލުކޮށްދެއްވާނެކަމުގައި ރައީސް ވިދާޅުވެއްޖެ

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅު...

22 Dec 2025 | 06:54
N/A

N/A

ހުޅުމާލޭގެ ދެ ފިޔަވަހި ހިމެނޭހެން ގޯތީގައި

ޢިމާރާތްކުރެވޭ އުސްމިން ދިހަބުރިއަށް ބަދަލުކޮށްދެއްވާނެކަމުގައި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާ ގާތުން

ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ

ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން

ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ

ތެރެއިން، ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ ރައްޔިތުންނާއެކު،

ރެހެންދި ސްކޫލު ހޯލުގައި މިރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައެވެ.

މިކަމުގެ ތަފުސީލްދެއްވައި ވާހަކަފުޅުދައްކަވަމުން،

ޕާކިންގ މައްސަލައަކީ ވަރަށްބޮޑު މައްސަލައެއް ކަމަށާއި އެހެންކަމުން ދިހަބުރިއަށް

ޢިމާރާތް ނަންގަވާކަމުގައިވަނީނަމަ، ތިރީފްލޯގައި ޕާކިންގ ގާއިމުކުރުމަކީ

މަޖުބޫރުކަމެއް ކަމުގައި ހައްދަވާނެ ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެގޭގައި

ދިރިއުޅޭ ރައްޔިތުންގެ ޕާކިންގއަށް އެންމެ ތިރީފްލޯ ޚާއްޞަކުރެވި، މީގެއިތުރުން

އެއްފްލޯ ނޮން-ރެޒިޑެންޝަލް ޔޫސްއަށް ބޭނުންކުރަން ޝަރުތުކުރައްވާނެކަމުގައި

އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ކޮމާޝަލްވިޔަސް، ދިރިއުޅުން ނޫން ކޮންމެވެސް

ބޭނުމަކަށް، އާމްދަނީ ހޯދޭނެ އެހެން ބޭނުމަކަށް އެ ފްލޯ ކަނޑައަޅަންޖެހޭނެކަމުގައި

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ގޯތިތަކުގައި ދިހަބުރިއަށް ޢިމާރާތް

ކުރެވޭގޮތަށް ގަވާއިދަށް ގެންނަންޖެހޭ ބަދަލު ގެނެސް އެ ފުރުސަތު ދެ ފިޔަވަހީގެ

ރައްޔިތުންނަށްވެސް އިރާދަކުރެއްވިއްޔާ ލިބިގެންދާނެކަމުގައި އެމަނިކުފާނު

ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހުޅުމާލޭގެ

ފޭސް 1 ގައި ސޯޝަލް ކެޓަގަރީން ފައިސާ ދައްކައިގެން އަމިއްލަކުރާ ގޮތަށް، ދިރިއުޅުމަށްޓަކައި

ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކަށް އެއްވެސް މާލީ ލުޔެއް ލިބިފައިނެތް ކަމަށާއި

އެހެންކަމުން މި ގޯތިތަކުގެ އެގްރީމަންޓުގައިވާ ޖުމްލަ އަގުން 10 އިންސައްތައިގެ

ޑިސްކައުންޓެއް އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

އަދި އެގޮތުން މި ގޯތިތަކުގެ ބާކީ ދައްކަން އޮތް ޢަދަދުން އެބައި

ކެނޑިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ހުޅުމާލޭ ފޭސް 1 ގައި ދިރިއުޅުއްވަމުން ގެންދަވާ

ރައްޔިތުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި ވަނީ

މާލޭގެ އަވަށްތަކާއެކު ބައްދަލުކުރައްވަން ފެއްޓެވި ހިސާބުން ފެށިގެން އެކިއެކި

ރައްޔިތުންގެ ފަރާތުން ލިބިލެއްވި އެކިއެކި ޝަކުވާތަކާއި އެމަނިކުފާނާއި

ސަރުކާރުގެ ކިބައިން އެދިވަޑައިގެންފައިވާ އެކިއެކި އެދިވަޑައިގަތުމަށް އެކި

މަރުހަލާގައި ހައްލުތައް ގެނައުމުގެ މަސައްކަތްފެށިފައިވާކަން ހާމަކޮށްދެއްވައި،

މީގެތެރެއިން ބައެއް ކަންކަމުގައި ސަރުކާރުން ޢަމަލުކުރައްވަމުންގެންދަވާ ގޮތުގެ

ބައެއް ތަފްސީލުތައް ހިއްސާކޮށްދެއްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ

ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ސެލޫންތަކުގެ ނަމުގައި ޤާނޫނާއި

ގަވާއިދާއި ހިލާފަށް ދީނީ މިންގަނޑަށްވެސް ނުފެތޭގޮތަށް ހިންގަމުންދިޔަ 83

މަސާޖުޕާލާއެއް އިކޮނޮމިކް މިނިސްޓްރީ، އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން

އުފެއްދި ޓާސްކްފޯހުން 9 ޑިސްންބަރުން ފެށިގެން 21 ޑިސެންބަރާ ދެމެދު މިހިނގި

ދުވަސްކޮޅުގެތެރޭގައި ބަންދުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިދިޔަ ތިން

ހަފުތާތެރޭގައި އެކަނިވެސް، ބިދޭސީން ޤަވާޢިދާ ޚިލާފަށް ހިންގަމުންދިޔަ 56

ވިޔަފާރިއެއް ބަންދުކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ

ޚަރަދުތައް ބޮޑުވުމާގުޅޭގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އެއް

ކަންބޮޑުވުމަކީ ސަރުކާރުގެ ބައެއް މުހިންމު މަގާމުތަކަށް ރިޓަޔަރޑް ބައެއް

ބޭފުޅުން އެމަނިކުފާނު އައްޔަންކުރެއްވުމާގުޅޭ ގޮތުން ލިބިވަޑައިގެންނެވި

ކަންބޮޑުވުންތަކެއް ކަމުގައި ވިދާޅުވިއެވެ. އެގޮތުން އެ ފަރާތްތަކަށް

ރިޓަޔަރމަންޓުގެ ގޮތުގައި ލިބޭ އެލަވަންސެއްގެ އިތުރުން އައްޔަނުކުރެވޭ މަގާމުގެ

މުސާރަލިބުމުން ސަރުކާރުގެ ޚަރަދުބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން

ފާޅުކުރެއްވިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް

ގެނައުމުގެގޮތުން، ސަރުކާރުގެ އައްޔަންކުރާ އެއްވެސް މަގާމަކަށް ރިޓަޔަރޑް

ބޭފުޅަކު އައްޔަންކުރައްވައިފިނަމަ ނޫނީ އިންތިޚާބީ މަގާމަކަށް ރިޓަޔަރޑް ބޭފުޅަކު

އިންތިޚާބުވެއްޖެނަމަ، އެ މަގާމުގެ މުއްދަތުގެ ތެރޭގައި، ރިޓަޔަރމަންޓަށް ލިބޭ

އެލަވަންސް މެދުކެނޑޭގޮތަށް ހަމަޖެހިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ

ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، 65

އަހަރުން 75 އަހަރާއި ހަމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ

އިމުގެ ތެރެއިން ވަޒީފާގައި ދެމިހުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ރީ

އެމްޕްލޯއިމަންޓް ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް

ހުށައަޅުއްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ

ވަނީ ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ގެނެވިފައިވާ

ބަދަލުތައްވެސް މިރޭ ހިއްސާކުރައްވާފައެވެ. އެގޮތުން ހެދުންއެޅުމުގެ މިންގަނޑު،

ކުރިން ސިވިލް ސަރވިސްގައި ކަނޑައަޅާފައި އޮތްގޮތަށް ބަދަލުކުރެއްވުމަށް

ނިންމަވައި، އެކަން އެގޮތަށް ބަދަލުކުރެއްވުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން

އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ކަމާބެހޭ އިދާރާގައި

ދަންނަވާފައިވާނެކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ

ސްކޫލްތަކުގައި ދަރިވަރުން ފޯނު ބޭނުންކުރުމުގެ ކަންބޮޑުވުން ގިނަ ޢަދަދެއްގެ

ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެކަން

ޙައްލުކުރެއްވުމަށްޓަކައި، އަންނަ ދިރާސީ އަހަރުން ފެށިގެން ސްކޫލްގައި ކިޔަވައިދޭ

ގަޑީގައި ދަރިވަރުންނަށް ފޯނު ބޭނުން ނުކުރެވޭނެހެން، އެކަން ތަޢުލީމީ ވުޒާރާއިން

ބައްލަވާނެކަން ހާމަކުރައްވައި އެކަމުގައި ޢަމަލުކުރައްވާނެ ގޮތުގެ ބައެއް

ތަފުސީލުތައް އެމަނިކުފާނު ހާމަކޮށްދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް