މޭރީ މަރާލި މައްސަލާގައި މާވިން އާއި ލަމްހާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގ...

22 Jun 2026 | 13:27
N/A

N/A

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި (މިހާރުގެ ނަމުން ޔޫސުފް) އާއި ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މާވިންގެ މައްޗަށް ދައުލަތުން ދައުވާކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މޭރީ އަށް ހަމަލާދީ މަރާލި ކަމަށް ބުނެއެވެ. ލަމްހާގެ މައްޗަށް ދައުވާކުރީ މާވިންއާ ލޯބީގެ ގޮތުން ގުޅިގެން އުޅެ، މޭރީ މަރާލުމުގައި ބައިވެރިވި ކަމަށް ބުނެއެވެ.

ހުކުމް އިއްވަވަމުން ގާޒީ މުޒައްމިލް ނާސިރު ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ބެލެވޭނެ އެއްވެސް ނިޝާނެއް ނެތް ކަމަށް ޑޮކްޓަރުންގެ ހެކިބަހުން އެނގޭ ކަމަށެވެ. ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވީ ބޮލަށް ދިން ހަމަލާތަކުގެ ސަބަބުންނެވެ. މޭރީ ދިރިހުއްޓައި އެންމެ ފަހުން ފެނުނީ އެ ދެ މީހުން ދިރިއުޅުނު ގެއަށް ވަންނަނިކޮށް ކަމަށާއި، އެ ވަގުތު މާވިން ވެސް ގޭގައި ހުރިކަން ހެކިތަކުން އެނގޭ ކަމަށް ގާޒީ ވިދާޅުވިއެވެ. މީހަކު ހާސްކޮށްލާނެ ގޮތުގެ ފޮޓޯތަކެއް މާވިންގެ ފޯނުން ފެނިފައިވާ އިރު، އެ ފޮޓޯތައް ހުރި ސަބަބެއް ބުނެދެވިފައި ނުވާ ކަމަށާއި، މޭރީ މަރުވި ގޮތާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ދައްކައި ހަޤީޤަތް ފޮރުވަން މާވިން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ދައުލަތުން ބުނި ގޮތުގައި މާވިން އާއި ލަމްހާ ރާވައިގެން މޭރީ މަރާލީ މާވިންނެވެ. މޭރީ މަރާލި ވަގުތު ލަމްހާ ހުރީ މޭރީގެ ދަރިފުޅު ގޮވައިގެން އެހެން ގެއެއްގައެވެ. މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް ރިޕޯޓުކުރީ ވެސް މާވިންނެވެ.

މާވިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމުމަށް ފަހު، ވަކިން ބޭއްވި މަޖިލީހެއްގައި ލަމްހާގެ މައްޗަށް ވެސް މޭރީ މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާ ކަމަށް ކޯޓުން ނިންމިއެވެ. ދެ މީހުންގެ އަދަބު ކަނޑައެޅުން އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.

މާވިން އާއި ލަމްހާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހައްޔަރުކޮށް ޝަރީޢަތް ނިމެންދެން ބަންދުކުރި އެވެ. ކްރިމިނަލް ކޯޓުން ފަހުން ލަމްހާ ބަންދުން ދޫކުރި ނަމަވެސް، ހައި ކޯޓުން ވަނީ އޭނާ އަލުން ބަންދުކުރަން އަމުރުކޮށްފައެވެ. ބަންދުގައި ހުރެ މާވިން ވަނީ އިސްލާމްވެ، ޔޫސުފްގެ ނަމަށް ނަން ބަދަލުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް