ގެއްލުންދީފައިވާ މަންޒަރު - ފޮޓޯ: މާލޭ ސިޓީ ކައުންސިލް
މާލޭގައި ހުންނަ މަސްޖިދުލް ފުރުޤާން މިސްކިތުގެ ކުޑަ ދޮރެއްގެ ބިއްލޫރިގަނޑު ތަޅައިލައިފިއެވެ.
މި ހާދިސާ ހިނގައިފައިވަނީ ރޭގެ ވަގުތެއްގައެވެ. މާލެ ސިޓީ ކައުންސިލުން ބުނީ މިސްކިތަށް ލިބުނު ގެއްލުންތަކާ ގުޅިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވަނީ މި ޢަމަލު ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައިފައެވެ. މޭޔަރު ވިދާޅުވީ، އިސްލާމްދީނުގައި ނުހަނު ބޮޑަށް ޙުރުމަތްތެރިކޮށް ހިތުމަށް އަންގަވައިފައިވާ މިސްކިތްތަކަށް ގެއްލުންދޭ ފަރާތްތައް ހޯދައި ޙައްޤު އަދަބު ދިނުމަށް ގޮވައިލައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މާލެ ސިޓީގެ މިސްކިތްތަކަކީ ރައްޔިތުންގެ އިޙުތިރާމާއި ރައްކާތެރިކަން ލިބެންޖެހޭ މުޤައްދަސް ތަންތަން ކަމަށާއި، މި ފަދަ ކަންކަމަކީ މުޖުތަމަޢުގެ ތެރޭގައި ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.
ފުރުޤާން މިސްކިތަށް ތަކުރާރުކޮށް ގެއްލުންދިނުމުގެ ހާދިސާތައް ހިނގާފައިވެއެވެ. މިދިޔަ އަހަރުގެ ނޮވެންބަރު މަހު އެ މިސްކިތުގެ ދޮރަށް ގަލެއް އެއްލައި ބިއްލޫރިގަނޑު ތެޅި އިރު، އަންހެނުން ނަމާދުކުރާ ބައިގެ ޓައިލްސް އާއި ފާޚާނާ ދޮރުގެ ތަޅުތަކަށް ވެސް ގެއްލުންދީފައިވެއެވެ. އޭގެ ކުރީން 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު ވެސް އެ މިސްކިތުގެ ތެރޭގައި ހުރި މުޞްޙަފްތައް ބިންމައްޗަށް އުކައި، އިމާމު މަޤާމުގެ ކައިރީގައި ހުރި ކަރަންޓު ސޮކެޓުތައް ހަލާކުކޮށް، ވުޟޫ ކުރާ ތަނުގެ އިސްކުރުތައް ވެސް ހަލާކުކޮށްލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް