ވެމްކޯ މުވައްޒަފުންގެ ދީނީ ރޫޙު އާލާކުރަން ކުރާ މަސައްކަތަށް ފަސްޓް ލޭޑީގެ ތަޢުރީފު

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރުއާން މުބާރާތާއި ފުރަތަމަ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައި، އެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެ...

22 Apr 2026 | 18:43
ފަސްޓްލޭޑީ މިރޭގެ ރަސްމިއްޔާތުގައި -

ފަސްޓްލޭޑީ މިރޭގެ ރަސްމިއްޔާތުގައި -

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މުވައްޒަފުންގެ ދެވަނަ ޤުރުއާން މުބާރާތާއި ފުރަތަމަ މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ ބާއްވައި، އެ ޖަލްސާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވެމްކޯގެ މެނޭޖްމަންޓަށް ތަޢުރީފު ކުރައްވައިފިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވިދާޅުވީ މުވައްޒަފުންގެ މެދުގައި ދީނީ ރޫޙު އާލާކޮށް، ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި އިތުރުކޮށް، އިސްލާމީ ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމަށް ވެމްކޯގެ މެނޭޖްމަންޓުން ކުރައްވާ މަސައްކަތް ވަރަށް އުފަލާ އެކީ ފާހަގަކުރައްވާ ކަމަށެވެ. އަދި މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ޖަލީލުގެ އިސްނެންގެވުމުގެ މަތިން ޤުރުއާން ކިޔަވަން ދަސްކޮށްދޭ ކްލާސްތަކެއް ވެސް ފެށްޓެވީތީ އެކަމާ ވެސް އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެ ކަމަނާ ވިދާޅުވީ ވެމްކޯގެ މުވައްޒަފުންނަކީ ޒިންމާދާރުކަމާއި އިޚްލާޞްތެރިކަމާ އެކު ދިވެހިރާއްޖޭގެ މަގުތަކާއި ގޭބިސީތަކުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ރެޔާއި ދުވާލު ބުރަކޮށް މަސައްކަތް ކުރަމުން ގެންދާ ހީވާގި ޓީމެއް ކަމަށާއި، އެ ޓީމުން ދެމުން ގެންދާ ޚިދުމަތްތަކަކީ ތަޢުރީފު ޙައްޤު ޚިދުމަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، ކޮންމެ މުބާރާތަކީ ހަމައެކަނި ހުނަރު ދައްކައިދިނުމުގެ މައިދާނެއް ނޫން ކަމަށާއި، މުބާރާތަކަށް ތައްޔާރުވާއިރު ލިބޭ ފިލާވަޅުތަކާއި ހޭލުންތެރިކަމަކީ މުޅި ޢުމުރަށް ދެމިގެންދާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ. ޚާއްޞަކޮށް ޤުރުއާން ކިޔެވުމުގެ ތެރެއިން ދީނީ ޢަޤީދާ ވަރުގަދަވެ، ކެތްތެރިކަމާއި އަޚްލާޤީ ސިފަތައް ނަފުސުގައި އަށަގަންނަ ކަމަށް ފާހަގަކުރެއްވިއެވެ.

މި ދެ މުބާރާތުން ފަޚުރުވެރި ވަނަތައް ޙާޞިލުކުރި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރަށާއި މުޅި ޓީމަށް ފަށްފަށުން ސާބަސް ރައްދުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް