މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
"SAS Medical College, Maldives" ގެ ނަމުގައި ރާއްޖޭގައި މެޑިކަލް ކޮލެޖެއް ހިންގާ ކަމަށް ބުނެ ދަރިވަރުން ނަގަން އިޝްތިހާރުކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން އެދެފިއެވެ.
އެ ވުޒާރާ އިން ނެރުނު އިޢުލާނެއްގައި ބުނެފައި ވަނީ "SAS Medical College, Maldives" އަކީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށެވެ.
ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު (2021/7) ގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ދިވެހިރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ޤާނޫނުގެ 64 ވަނަ މާއްދާ ބުނާ ގޮތުން ރަޖިސްޓަރީކޮށްފައިވާ މަރުކަޒަކުން މެނުވީ ޔުނިވަރސިޓީއެއް، ކޮލެޖެއް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އިޝްތިހާރުކުރުމަކީ ވެސް ޤާނޫނީ ކުށެކެވެ.
އާންމުންނަށް އޮޅުންއަރާ ގޮތަށް މި ފަރާތުން އިޝްތިހާރުކުރަމުންދާތީ، ދަރިވަރުންނާއި ބެލެނިވެރިން މިކަމަށް ސަމާލުވުމަށް ވުޒާރާ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް