ލޯންޗު ހާދިސާގައި ގެއްލުނު ރެލީ ޗެމްޕިއަން ހަރީ ސިންގްގެ ހަށިގަނޑު ފެނިއްޖެ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓްކޮށްފި

ރާއްޖޭގެ ވާވު އަތޮޅު ފެލިދޫ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ސްޕީޑް ބޯޓު އެކްސިޑެންޓުގައި ގެއްލުނު އިންޑިއާގެ މަޝްހޫރު ރެލީ ޑްރައިވަރު ހަރީ ސިންގް، 59، ގެ ހަށިގަނޑު މޫދު އަޑީގެ މުރަކައެއްގެ ތެރ...

22 Mar 2026 | 10:26
އިންޑިއާގެ ރެލީ ޗެމްޕިއަން ހަރީ ސިންގް -

އިންޑިއާގެ ރެލީ ޗެމްޕިއަން ހަރީ ސިންގް -

ރާއްޖޭގެ ވާވު އަތޮޅު ފެލިދޫ ކައިރީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ސްޕީޑް ބޯޓު އެކްސިޑެންޓުގައި ގެއްލުނު އިންޑިއާގެ މަޝްހޫރު ރެލީ ޑްރައިވަރު ހަރީ ސިންގް، 59، ގެ ހަށިގަނޑު މޫދު އަޑީގެ މުރަކައެއްގެ ތެރޭގައި ތާށިވެފައިވާކަން ކަމާ ބެހޭ ފަރާތްތަކުން އާއިލާއަށް އަންގާފައިވާކަމަށް އިންޑިއާގެ ނޫސް، ޓައިމްސް އޮފް އިންޑިއާ (ޓީއޯއައި) އިން ރިޕޯޓްކޮށްފިއެެވެ.

ޓީއޯއައިއިން ބުނެފައިވަނީ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގެ ދެ ވަނަ ދުވަހު ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ހަރީ ސިންގް އާއި ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު މުރަކަތަކުގެ ތެރޭގައި ތާށިވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނާ ކަމަށާއި ހަށިގަނޑު ނެގުމަށް ޚާއްސަ ޓީމުތައް ތައްޔާރުވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓު ހިނގީ ބުރާސްފަތި ދުވަހުގެ ރޭ، ހަތް މީހުންނާ އެކު ދަތުރުކުރި ސްޕީޑް ބޯޓެއް ވާވު އަތޮޅު ފެލިދޫ ކައިރީގައި ބަންޑުން ޖަހާލައިގެންނެވެ. ބޯޓުގައި ތިބީ އިންޑިއާގެ ފަސް ފިރިހެނުންނާއި އިނގިރޭސިވިލާތާއި ރަޝިޔާގެ ދެ އަންހެނުންނެވެ. އެކްސިޑެންޓުގައި އަނިޔާވި ރޭމަންޑް ގްރޫޕުގެ ޗެއާމަން ގައުތަމް ސިންގާނިޔާ ސަލާމަތްކޮށް މުމްބާއީ އަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް އޭނާގެ ތަރުޖަމާނު ބުނެފައިވެއެވެ.

ހަރީ ސިންގް އަކީ އޭޝިއާ ޒޯން ރެލީ ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ފުރަތަމަ އިންޑިއާ މީހާއެވެ. 1990 ގެ ތެރޭގައި ފަސް ފަހަރު އިންޑިއާގެ ނެޝަނަލް ރެލީ ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ޖޭކޭ ޓަޔަރ މޮޓޯސްޕޯޓުގެ ހެޑް އޮފް އޮޕަރޭޝަންސްގެ ގޮތުގައި މަސައްކަތް ކުރިއެވެ.

ހަރީ ސިންގްގެ ދަރިފުޅު މީވާން ސިންގް ރެސްކިއު އޮޕަރޭޝަންގެ ކަންކަން ގާތުން ބެލުމަށް ރާއްޖެ އައިސް، މިހާރު އާއިލާ ގާތަށް އެނބުރި އިންޑިއާ އަށް ގޮސްފައިވާކަމަށް ރިޕޯޓްކޮށްފައިވެއެވެ. ހަރީ ސިންގްގެ ގާތް ރަހުމަތްތެރިން ކަމަށްވާ ޖަގްވަންތު އާއި ދަމަން ރާއްޖޭގައި މަޑުކޮށް، ކަމާ ބެހޭ ފަރާތްތަކާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އާ ގުޅިގެން ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް