މާރުކޭޓު ކުރިމައްޗަށް ކައިރިކުރާ ކަނޑު އުޅަނދުތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތްދޭން ފަށަނީ

މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ އެމްޕީއެލްއިނ...

22 Feb 2026 | 06:33
.

.

މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދު ކުރިމަތީގައިވާ ތޮށިގަނޑަށް ކައިރިކުރާ އުޅަނދުތަކަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ މަސައްކަތް އެމްޕީއެލްއިން ފަށައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އެމްޕީއެލްއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެމްޕީއެލް އިން ކުރި ޕޯސްޓުގައި ބުނީ ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތަށް އެމްއެމްއޭ ސަރަަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގޮތުން ބަދަލުކުރި މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތައް އަލުން އެ ސަރަހައްދުގައި ބަނދަރުކުރަން ފަށާފައިވާ ކަމަށެވެ.

އަދި މާލޭ ނޯތު ހާބަރުގެ ޓީމުން މިހާރު މަސައްކަތް ކުރަމުންދަނީ މީގެ ކުރިން 'އޭ ޒޯން' އިން ލިބެން ނެތް ކަރަންޓާއި ފެނުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ނޯތު ހާބަރުގެ ޚިދުމަތް އަލުން ފެށިއިރު ގެނެވުނު އެންމެ ފާހަގަކޮށްލެވޭ ބަދަލަކީ، ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި ހުރި ފައްތިޔާތަކުގެ ބަދަލުގައި 36 ފައްތިއްޔާ ބުޑު ފައްތައި، މުޅިން އައު ފައްތިއްޔާތައް ބޭނުންކުރަން ފެށުން ކަމަށްވެސް އެމްޕީއެލް އިން ހާމަކުރެއެވެ.

"މި ބަދަލާއެކު، އެ ބަނދަރު ބޭނުންކުރާ އުޅަނދުފަހަރަށް ކުރިއަށްވުރެ ރައްކާތެރިކަމާއެކު ބަނދަރުކުރުމުގެ ފުރުސަތު ލިބިގެންދާނެ." އެ ކުންފުނިން ބުނެފައި ވެއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ނޯތު ހާބަރުގެ 'ބީ ޒޯން' (ހުޅަނގު ފަރާތު ތޮށިގަނޑު) އަށް އުޅަނދުތައް ބަދަލުކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް އެމްޕީއެލް އިން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް