N/A
އިސްލާމްދީން ކުރިއެރުވުމުގައި ރާއްޖޭގައި ބައި ގަރުނަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޝައިހް އިސްމާއިލް މުޙައްމަދު (ތޮއިބާ ޝައިހު) ރޭ އަވަހާރަވެއްޖެއެވެ. މާތް ﷲ އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
ދ. މީދޫ، މއ. ފީރޯޒްވާދީ، ޝައިހު އިސްމާއިލް އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުން، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. އަވަހާރަވި އިރު ޢުމުރުފުޅަކީ 85 އަހަރެވެ.
ޝައިހު އިސްމާއިލަކީ 1970 ގެ އަހަރުތަކުގައި މަދީނާ ޔުނިވާސިޓީން ޑިގްރީ ޙާޞިލު ކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ. މާލޭގައި ތޮއިބާ ސްކޫލްގެ ނަމުގައި ސްކޫލެއް އުފައްދަވައި ހިންގެވި ޝައިހު ވަނީ ޕާކިސްތާނުގެ ޖާމިޢާ ސަލަފިއްޔާ އާއި އެ ޤައުމުގެ އެކި ޔުނިވާސިޓީތަކުން ދީނީ ޢިލްމު ޙާޞިލު ކުރުމުގެ ފުރުޞަތު 100 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ހޯއްދަވައިދެއްވާފައެވެ. އޭގެ ތެރޭގައި މަރުޙޫމް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ އާއި ޑރ. ޢަލީ ޒާހިރާއި ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ފަދަ ރާއްޖޭގައި ފާހަގަކޮށްލެވޭ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ.
ޝައިހު އިސްމާއިލަށް ވަނީ ދީނީ ޢިލްމު އުނގަންނައިދިނުމާއި ދީނަށް ޚިދުމަތް ކުރެއްވުމުގެ ދާއިރާ އިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް ކަމުގެ ޝަރަފު ވެސް މިދިޔަ އަހަރުގެ އޭޕްރީލް 19 ވަނަ ދުވަހު ވަނީ އެ މަނިކުފާނަށް އަރުވާފައެވެ.
އަވަހާރަވި އިރު ޝައިހު އިސްމާއިލް ގެންދެވީ އަމިއްލަ ޚަރަދުގައި ހުޅުމާލެ ފޭސް އެކެއްގައި މިސްކިތެއް އިމާރާތް ކުރައްވަމުންނެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން އުންމުލްމުއުމިނީން ޢާއިޝަތުގެފާނަށް ނިސްބަތްކޮށް ނަން ދީފައިވާ އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ މާޗް ފަސް ވަނަ ދުވަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
ޝައިހު އިސްމާއިލް އަވަހާރަވުމާ ގުޅިގެން ރައީސް މުޢިއްޒު ވަނީ ތައުޒިޔާ ވިދާޅުވެ، ޝައިހުގެ ޚިދުމަތްތައް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ ޝައިހު އިސްމާއިލަކީ ދީނީ ޢިލްމު ފެތުރުއްވުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރައްވައި، ދީނީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި ޝާއިޢު ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް