ލަންކާ މަސްބޯޓެއް ރާއްޖެ ސަރަހައްދަށް ވަންނަ ނަމަ 96 ގަޑިއިރު ކުރިން ހުއްދަ ނަގަން އެ ގައުމުގެ މަސްވެރީންނަށް އަންގައިފި

ސްރީ ލަންކާގެ މަސްވެރިކަމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސް އިން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އީއީޒެޑް) ހުރަސްކޮށް ދަތުރުކުރާ އެ ޤައުމުގެ މަސް ބޯޓުފަހަރަށް...

21 Apr 2026 | 10:31
N/A

N/A

ސްރީ ލަންކާގެ މަސްވެރިކަމާ ބެހޭ އިދާރާ، ޑިޕާޓްމަންޓް އޮފް ފިޝަރީޒް އެންޑް އެކުއެޓިކް ރިސޯސަސް އިން، ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު (އީއީޒެޑް) ހުރަސްކޮށް ދަތުރުކުރާ އެ ޤައުމުގެ މަސް ބޯޓުފަހަރަށް އައު އުސޫލުތަކެއް ކަނޑައަޅައިފިއެވެ.

އެ އިދާރާގެ ޑިރެކްޓަރ ޖެނެރަލް ސުސާންތާ ކަހަވައްޓާ ވިދާޅުވީ، ޢަރަބި ކަނޑުގައި މަސްވެރިކަން ކުރުމަށް ދާ ނުވަތަ އެނބުރި އަންނަ، ގިނަ ދުވަހަށް މަހަށް ނިކުންނަ ބޯޓުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަނުމުގެ މަދުވެގެން 96 ގަޑިއިރު ކުރިން ކަނޑައެޅިފައިވާ އީމެއިލް އެޑްރެސްތަކަށް ހުއްދައަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށެވެ. ހުށަހެޅުމާ އެކު ބޯޓުގެ ރެޖިސްޓްރޭޝަން ސެޓިފިކެޓާއި، ފުރުމުގެ ހުއްދައާއި، ފަޅުވެރިންގެ ތަފުޞީލާއި، ބޯޓުގެ ފޮޓޯއެއް އަދި ވަންނަ ހިސާބާއި ނުކުންނަ ހިސާބު އެނގޭ ގޮތަށް ކުރެހި ޗާޓެއް ހުށަހެޅުން ލާޒިމުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކަހަވައްޓާ ވިދާޅުވީ ރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަށް ވަންނަ ބޯޓުފަހަރު ހިފެހެއްޓުމުގެ ބާރު ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ލިބިގެންވާ ކަމަށާއި، އެފަދަ ބޯޓެއް ދޫކުރުމަށް ރާއްޖެ އިން ބޮޑެތި ޖޫރިމަނާ ނަގާ ކަމަށެވެ. އަދި އެފަދަ ޤާނޫނީ މައްސަލަތަކުގައި އެ ޑިޕާޓްމަންޓުން ބޯޓުތަކުގެ ފަރާތުން ވާހަކަ ދެއްކުމުގެ ޤާބިލުކަން ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސްރީ ލަންކާގެ މަސް ބޯޓުފަހަރު ޢަރަބި ކަނޑަށް ދާ މަގުގައި ރާއްޖޭގެ އީއީޒެޑް ހުރަސްކުރެއެވެ. ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވާ ބޭރުގެ މަސް ބޯޓުފަހަރު ހިފެހެއްޓުމަކީ ދިވެހި ސިފައިންނާއި ފުލުހުން ޤަވާޢިދުން ކުރަމުންދާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް