ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގޯތަމް ސިންގާނިޔާގެ އިހުމާލު ބޮޑު ކަމުގެ ތުހުމަތު

ވ. ފެލިދޫ ކައިރިން ރޭސިން ސްޕީޑް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި، އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގާނިޔާ ކަމަށާއި، ހޮސްޕިޓަލާއި އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް އޭނާ ...

21 Mar 2026 | 10:03
N/A

N/A

ވ. ފެލިދޫ ކައިރިން ރޭސިން ސްޕީޑް ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި، އެ ލޯންޗު ދުއްވަން އިނީ އިންޑިއާގެ ބިލިއަނަރު ގޯތަމް ސިންގާނިޔާ ކަމަށާއި، ހޮސްޕިޓަލާއި އިދާރާތަކަށް މައުލޫމާތު ދިނުމަށް ވެސް އޭނާ ދެކޮޅު ހެދި ކަމަށް ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސިންގާނިޔާ ފެލިދޫއަށް ގެނައިރު މޫނާއި އަތުން ޒަޚަމްތައް ފެންނަން ހުރި ކަމަށާއި، އޭނާ ހުރީ ވަރަށް ބޮޑަށް މަސްތުގެ ހާލަތުގައި ކަމަށެވެ. ލޯންޗުގެ ޖީޕީއެސް ޑޭޓާ ދައްކާ ގޮތުން އެ ލޯންޗު ގަޑިއަކު 70 މޭލަށް ދުއްވާފައިވާ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.

މި ހާދިސާ ހިނގީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު، ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ހަތް މީހުންނާ އެކު ދަތުރުކުރަނިކޮށެވެ. އެ ލޯންޗަކީ ސިންގާނިޔާގެ ކުންފުނީގެ 'ޓީޓީ އަޝޭނާ' ނަމަކަށް ކިޔާ ޔޮޓުގެ، ރޭސިން ސްޕީޑް ލޯންޗެކެވެ. ލޯންޗުގައި ތިބި މީހުން ތިބީ މަސްތުގެ ހާލަތުގައި ކަމަށާއި، ބެލެވެނީ ބާރު ސްޕީޑުގައި ޑްރިފްޓް ޖައްސައި ސަކަރާތް ޖެހުމުގެ ތެރޭގައި ހިނގި ހާދިސާއެއް ކަމަށް ޝުޖާއު ދައުރަށް ވިދާޅުވެފައިވެއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި، ސިންގާނިޔާ ހޮސްޕިޓަލުގެ އެއްވެސް ފޯމެއް ފުރަން ވެސް ދެކޮޅު ހެދިއެވެ. ނަމަވެސް ބަލި މީހަކަށް ވާތީ ފެލިދޫ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިނެވެ. ދައުރު ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ރޭ ދަންވަރު 3 ޖެހިއިރު ފަރުވާ ދިނުމަށް ފަހު ވަގުތުން އޭނާ ޔޮޓަށް ދިޔައެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިންގާނިޔާ ވަނީ އިއްޔެ އެނބުރި އިންޑިއާއަށް ގޮސް މުމްބާއީގައި ފަރުވާ ހޯދަމުންނެވެ. މި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެނެއެވެ. އޭގެ ތެރެއިން އެކަކީ އިންޑިއާގެ ރޭސިން ލެޖެންޑެއް ކަމުގައިވާ ހަރީ ސިންގެވެ.

ބަންޑުން ޖަހާލި ލޯންޗު މިހާރު އޮތީ ފެލިދޫ ފަޅުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް