ރޭމަންޑް ގްރޫޕްގެ ވެރިޔާ ގޯތަމް (ކ) ރެލީ ލެޖެންޑް ހަރީ ސިންގް (ވ) -
ބުރާސްފަތި ދުވަހުގެ ރޭ ވ. ފުލިދޫ ކައިރިން
ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ދެ މީހަކު ގެއްލިފައިވާއިރު އެ ލޯންޗުން
ކަނޑުވި އެކަކީ ބިލިޔަނަރ އިންޑަސްޓްރިއަލިސްޓް އަދި ރޭމަންޑް ގްރޫޕްގެ ޗެއާމަން
އަދި މެނޭޖިން ޑިރެކްޓަރު ގޯތަމް ހަރީ ސިންގާނިއާ ކަމަށް އިންޑިއާގެ ނޫސްތަކުން
ރިޕޯޓްކޮށްފިއެވެ.
އޭނާގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި
ރިޕޯޓްކޮށްފައިވާގޮތުގައި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގޯތަމަށް ކުދި
އަނިޔާތަކެއް ލިބިފައިވެއެވެ.
ދިވެހި ފުލުހުން ބުނެފައިވާގޮތުގައި އެ ލޯންޗުން ހަތް
މީހަކު ދަތުރުކުރިއެވެ. އޭގެ ތެރެއިން ދެމީހަކު ގެއްލިފައިވާއިރު ތިން މީހަކަށް ވ.
އަތޮޅު ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.
ގެއްލިގެން ހޯދަމުން އަންނަ ދެމީހުންގެ ތެރެއިން
އެކަކީ އިންޑިއާގެ މޮޓޯ/ރެލީ ރޭސިންގައި އެތައް ފަހަރަކު ޗެމްޕިއަންކަން
ހޯދާފައިވާ އެ ގައުމުގައި ރެލީ ލެޖެންޑެއްގެ ގޮތުގައި ސިފަކުރާ ހަރީ ސިންގެވެ.
ގެއްލިގެން ހޯދަމުން އަންނަ ދެވަނަ މީހާގެ މަޢުލޫމާތު އަދި ކަށަވަރެއް ނޫނެވެ.
"އެއީ ޔޫކޭ އާއި ރަޝިޔާއަށް ނިސްބަތްވާ
ދެ އަންހެނަކާއި އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން، ލޯންޗުން ވިއްސައިގެން
ގޮސް މޫދަށް ވެއްޓިފައިވަނީ ފަސް މީހަކު، އެއީ ރަޝިޔާއަށް ނިސްބަތްވާ އަންހެން މީހާއާއި
އިންޑިއާގެ ހަތަރު ފިރިހެނުން" ފުލުހުން ބުނެފައިވެއެވެ.
ހާދިސާގެ ރިޕޯޓް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު
01:15ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.
ގެއްލުނު ދެމީހުން ހޯދުމަށް ދިވެހި ސިފައިން
އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ އޮޕަރޭޝަންގައި ޑްރޯންވެސް ބޭނުން ކުރަމުން
އަންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް