ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ހަފުލާގައި މިނިސްޓަރު ސައީދު ވާހަކަ ދައްކަވަނީ/ ފޮޓޯ: ޕީއެންސީ
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު
ކާމިޔާބު ކުރަން އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރާއިރު، އެއީ ރާއްޖޭގެ
އިގުތިސާދު ފުންވަޅުގަނޑަކަށް ވައްޓާލި މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު
މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރު
ހިންގާ ޕީއެންސީގެ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ޝަރަފުވެރި ކޮށްދެއްވި މި
ހަފުލާގައި ސައީދު ވިދާޅުވީ، އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބަށް
ނުކުމެ ތިބި އެމްޑީޕީގެ އިސް ސަފުން އަދިވެސް ފެންނަނީ ކުރީގެ ރައީސް އިބްރާހިމް
މުހައްމަދު ސޯލިހާއި، އޭރު އިގުތިސާދަށް ގެއްލުން ދިން ބޭފުޅުން ކަމަށެވެ.
"ދެ އަހަރެއްހާ ދުވަސް އަދި މިވީ. އަނެއްކާވެސް މުޅިން އަލަށް ދިރިގެން
މުޅިން އަލަށް ތާޒާކަން އިހުސާސް ވެގެން ހަމަ އެއް ބައެއް ނުކުމެ މި ބުނަނީ ތިމަންނަމެންގެ
އެބައޮތޭ މާ މޮޅު ގޮތެއް." އެމްޑީޕީއަށް ފާޑުވިދާޅުވަމުން ސައީދު ވިދާޅުވި
އެވެ.
އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން
މިނިސްޓަރު ވިދާޅުވީ، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި 200 މިލިއަން
ޑޮލަރު ދެ މިލިއަން ޑޮލަރަށް ދަށްކުރީ އެމްޑީޕީގެ ސަރުކާރުން ކަމަށެވެ. އަދި
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރިޒާވްގައި ހުރީ
އެންމެ 15 ދުވަހުގެ ކާޑުގެ ބާވަތްތައް ގަނެވޭނެ ފައިސާ ކަމަށާއި، ނަމަވެސް މިހާރު
ރިޒާވް 1.1 ބިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި
އެވެ.
އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް އިޝާރާތް
ކުރައްވައި ސައީދު ވިދާޅުވީ، އެއީ ކަނޑު އަޑިން ދީފައިވާ "ހިޔާލީ ގޯތިތަކެއް" ކަމަށެވެ. ރިޔާސީ އިންތިހާބު ކައިރިވުމުން 20 ނުވަތަ 30 ފޫޓު ފުންމިނުގައި
ހުރި ތަންތަނުން ގޯތި ދޭނެ ކަމަށް ބުނި ނަމަވެސް، ރައީސް މުއިއްޒު ވަނީ ކުޑަ
ދުވަސްކޮޅެއްގެ ތެރޭގައި އެ ތަންތަން ހިއްކައި ހަމަ ބިމަށް ގެނެސް ރައްޔިތުންނަށް
ގޯތި ދޫކުރަން ފައްޓަވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ އެމްޑީޕީގެ މިހާރުގެ
އަމާޒަކީ 2028 ގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުން ކަމަށާއި، އެހެންކަމުން
ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރިޔަސް އެ މީހުން މަސައްކަތް ކުރާނީ ހަމަ
އެ އަމާޒަށް ކަމަށެވެ. އަދި ރައީސް މުއިއްޒު ވަނީ އަންހެނުންގެ ތަރައްގީއަށް
މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ އެލަވަންސާއި އިނާޔަތްތައް ހަމަޖައްސައިދީ، އެ
ކޮމިޓީތައް ބާރުވެރިކޮށްދެއްވާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ
ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ އިހުސާސްތައް
އޮޅުންފިލުއްވައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ގާނޫނީ
ބާރުވެރިކަން ހޯއްދަވައިދެއްވާފައިވާ ކަމަށް ވަޒީރު ސައީދު ފާހަގަކުރެއްވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، އަންހެނުން ބާރުވެރިކުރުމަކީ
ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި، އެއީ އަމަލީ ގޮތުން ދައްކަންޖެހޭ
ނަތީޖާއެކެވެ. ރައީސް މުއިއްޒު ވަނީ އެކަން ހަގީގަތަކަށް ހައްދަވައިދެއްވާފައި
ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން، މީގެ ކުރިން ދަށް ފަންތީގައި
ގުނެމުންދިޔަ ކައުންސިލް މުވައްޒަފުންގެ ދަރަޖަ މަތިކޮށް، އެ މީހުންގެ އުޖޫރައަށް
މި ސަރުކާރުން ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސްގެ ލީޑަޝިޕްގެ ދަށުން ގައުމަށް އައިސްފައިވާ
ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ވޭޕް މަނާކުރުމާއި،
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން، އިގުތިސާދީ ގޮންޖެހުންތަކުން
އަރައިގަނެ ދަރަނި މެނޭޖުކުރުމުގައި ސަރުކާރުން ކާމިޔާބީ ހޯދާފައިވާ ކަމަށެވެ.
އަދި ޒުވާނުން ގައުމީ މަސައްކަތްތަކަށް އަހުލުވެރިކުރުވުމަކީ ވެސް ލިބުނު ބޮޑު
ކުރިއެރުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް