އިންޑިއާގެ ނޭވީ ޗީފް ރަޝިއާ، ތައިލެންޑް އަދި އޭޝިއާގެ ގައުމުތަކުގެ އަސްކަރީ އިސްވެރިންނާ ބައްދަލުކުރައްވައިފި

އިންޑިއާގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ފްލީޓް ރިވިއުގެ ތެރެއިން، އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ދިނޭޝް ކޭ ތުރިޕާތީ، ރަޝިއާގެ ނޭވީގެ ކޮމާންޑަރ-އިން-ޗީފް އެޑްމިރަލް އެލެގްޒެންޑަރ މޮއިސޭވްއާ ބުދ...

21 Feb 2026 | 05:01
N/A

N/A

އިންޑިއާގައި މިހާރު ކުރިއަށްދާ އިންޓަރނޭޝަނަލް ފްލީޓް ރިވިއުގެ ތެރެއިން، އިންޑިއާގެ ނޭވީ ޗީފް އެޑްމިރަލް ދިނޭޝް ކޭ ތުރިޕާތީ، ރަޝިއާގެ ނޭވީގެ ކޮމާންޑަރ-އިން-ޗީފް އެޑްމިރަލް އެލެގްޒެންޑަރ މޮއިސޭވްއާ ބުދަ ދުވަހު ބައްދަލުކުރައްވައިފިއެވެ.

​އިންޑިއާގެ ނޭވީގެ ތަރުޖަމާނު އެކްސް ގައި ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮތް ޒަމާންވީ ކަނޑުގެ އަސްކަރީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ ތެރޭގައި ދެ ގައުމުގެ އަސްކަރީ ތަމްރީނުތައް ކަމަށްވާ 'އެކްސަސައިޒް އިންދްރާ' އާއި 'ރެލޯސް' އެއްބަސްވުމުގެ ދަށުން ކުރިއަށްދާ ގުޅުންތައް ހިމެނެއެވެ.

​ވިސާކަޕަޓްނަމްގައި ކުރިއަށްދާ މި ހަރަކާތްތަކުގެ ތެރެއިން އެޑްމިރަލް ތުރިޕާތީ ވަނީ ތައިލެންޑުގެ ރޯޔަލް ނޭވީގެ ކޮމާންޑަރ-އިން-ޗީފް އެޑްމިރަލް ޕައިރޯޓް ފުއަންގްޗަންއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ 'އެކްސަސައިޒް އަޔޫތުޔާ' އާއި، ކޯޕެޓް ޕެޓްރޯލްތަކުގެ އިތުރުން، މައުލޫމާތު ބަދަލުކުރުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

​މީގެ އިތުރުން، އަވަށްޓެރި ސްރީލަންކާގެ ނޭވީ ކޮމާންޑަރ ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާއާ ވެސް އެޑްމިރަލް ތުރިޕާތީ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އެކްސަސައިޒް ސްލިނެކްސް އާއި ތަމްރީނު ދާއިރާއިން އޮތް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް