ކޮވިޑު ތެރޭގައި ޓެކްސް އަށް މަކަރު ހެދި މައްސަލައިގާ ދައުލަތުން އެދެނީ ބޮޑު ބަދަލަކާ އެންމެ ބޮޑު އަދަބަށް

ކޮވިޑު ތެރޭގައި ޕީސީއާރު ޚިދުމަތް ދިން ދެ ކުންފުންޏެއް ކަމުގައިވާ އައިލެންޑް ހެލްތު ސޮލިއުޝަނާއި ޕައިނިއަރ މޯލްޑިވްސް އާއި އެ ކުންފުނިތަކުގެ މަސްޢޫލުވެރީންގެ މައްޗަށް ދަޢުވާ ކުރުމަށް ހުށަހަޅައިފިއެވެ....

21 Jan 2026 | 15:48
ޑރ. އަލީ ލަތީފް -

ޑރ. އަލީ ލަތީފް -

ކޮވިޑު ތެރޭގައި ޕީސީއާރު ޚިދުމަތް ދިން ދެ

ކުންފުންޏެއް ކަމުގައިވާ އައިލެންޑް ހެލްތު ސޮލިއުޝަނާއި ޕައިނިއަރ މޯލްޑިވްސް

އާއި އެ ކުންފުނިތަކުގެ މަސްޢޫލުވެރީންގެ މައްޗަށް ދަޢުވާ ކުރުމަށް

ހުށަހަޅައިފިއެވެ.

މިކަން ހާމަކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން

މިއަދު ބުނީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޙިއްޞާދާރުން ކަމަށްވާ

ހ. އޯކިޑް، ޑރ. އިކްލީލް ޝަރީފްއާއި، މ. ގައްދަޑުގެ، ޑރ. ޢަލީ ޢަބްދުﷲ ލަޠީފާއި، މި

ދެމީހުންގެ މަޞްލަޙަތު އޮންނަ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް ބަޔާންތައް ހުށަހެޅުމުގައި އޮޅުވާލައި،

ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މޯލްޑިވްސް

އިންލަންޑް ރެވެނިއު އޮތޯރިޓީން ތަޙުޤީޤުކޮށް މި އޮފީހަށަ ހުށަހަޅާފައިވެއެވެ. އެ މައްސަލަ

މި އޮފީހުން ދިރާސާކުރުމަށްފަހު ތުހުމަތުކުރެވޭ ކުންފުނިތަކާއި މީހުންގެ މައްޗަށް އަންނަނިވި

ދަޢުވާތައް ކުރުމަށް 20 ޖަނަވަރީ 2026 ދުވަހު ކްރިމިނަލް ކޯޓަށް ވާނީ ހުށަހަޅާފައި

ކަމަށެވެ.

އުފުލާ ދަޢުވާތައް

އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ

މައްޗަށް:

ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ

ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ

ކުށުގެ 3 ދަޢުވާ.

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)

ގެ 533 ވަނަ މާއްދާގެ ދަށުން، ޤާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން

މަސައްކަތްތަކަށް ހުރަސްއެޅުން.

ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް:

ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ

ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ

ކުށުގެ 2 ދަޢުވާ.

ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ މައްޗަށް:

ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ

ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ

ކުށުގެ 3 ދަޢުވާ.

ޑރ. އިކްލީލް ޝަރީފްއާއި، އދ. މާމިގިލި، ބޯވެލި، ޢަލީ

ފަޔާޟްގެ މައްޗަށް:

ޤާނޫނު ނަންބަރު: 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ

ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން، ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވުމުގެ

ކުށުގެ 5 ދަޢުވާ.

ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭގޮތުން

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި ދަޢުވާލިބޭ ކުންފުނިތަކުން މީރާއަށް ހުށަހަޅާފައިވާ

ޓެކްސް ބަޔާންތަކުގައިވާ ޢަދަދުތަކާއި، ކުންފުނިތަކުގެ އަސްލު ޢާމްދަނީއަށް ބަލައި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހިސާބުކޮށްފައިވާ ޢަދަދުތަކަށް ބަލާއިރު،

މި ދެ ކުންފުނިން -/20،200،401ރ (ވިހި މިލިއަން ދެ ލައްކަ ހަތަރު ސަތޭކަ އެއް ރުފިޔާ)

ގެ ޓެކްސް ދެއްކުމުން ޤަޞްދުގައި އެއްކިބާވެފައިވެފައިވާކަމަށާއި މި މައްސަލާގައި ޓެކްސް

ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން ކުންފުނިތަކުގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް

ސާބިތުވާ ޙާލަތުގައި، ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ

93 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޓެކްސް ދެއްކުމުން އެއްކިބާވި ޢަދަދުގެ ދެ ގުނައަށްވާ

-/40،400،802ރ (ސާޅީސް މިލިއަން ހަތަރު ލައްކަ އަށް ސަތޭކަ ދޭއް) ރުފިޔާއިން ކުންފުނިތައް

ޖޫރިމަނާކުރުމުގެ އަދަބު ކަނޑައަޅުއްވައިދެއްވުމަށް ކޯޓުގައި އެދުމަށް ގަސްތުކުރާ

ކަމަށެވެ.

ވަކިވަކި މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭގޮތުން

ޕީޖީ އޮފީހުން ބުނެފައިވަނީ މި މައްސަލާގައި ވަކިވަކި މީހުންގެ މައްޗަށް ދަޢުވާކޮށްފައިވާނީ

ދަޢުވާލިބޭ ކުންފުނިތަކުގައި އެ މީހުން އަދާކުރާ ދަޢުރަށް ބަލާފައި ކަމަށާއި އެގޮތުން

ޑރ. އިކްލީލް ޝަރީފަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި، ޕައިނިއަރ

މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެޖޯރިޓީ ޙިއްޞާދާރު ކަމާއި އަދި ޑރ. ޢަލީ ޢަބްދުﷲ

ލަޠީފްއަކީ އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ 50 އިންސައްތަ ޙިއްޞާ

އޮންނަ، ކުންފުނި ހިންގުމުގައި އިސް ދައުރެއް އަދާކުރާ މީހެއް ކަމާއި އަދި ހަމަ

އެހެންމެ ޕައިނިއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަކީވެސް ޑރ. ޢަލީ ޢަބްދުﷲ ލަޠީފްގެ

މަޞްލަޙަތު އޮންނަ ކުންފުންޏެއްކަމާއި، ކޮވިޑް ދުވަސްވަރު މި ކުންފުނިތަކަށް ހިންގުމުގައި

ޑރ. ޢަލީ ޢަބްދުﷲ ލަޠީފް އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ހޯދިފައިވާކަން

ފާހަގަކޮށްފައިވެއެވެ.

އދ. މާމިގިލި، ބޯވެލި، ޢަލީ ފަޔާޟްއަކީ މި ދެ ކުންފުނީގެ

ޓެކްސް ބަޔާންތައް ހުށަހެޅުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތްކަންވެސް

ފާހަގަކުރަމުން ޕީޖީ އޮފީހުން ބުނެފައިވަނީ ދަޢުވާލިބޭ ވަކިވަކި މީހުންގެ މައްޗަށް

ކުށް ސާބިތުވާ ޙާލަތުގައި ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ކަނޑައަޅުއްވައިދެއްވުމަށް

ކޯޓުގައި އެދެން އެ އޮފީހުން ޤަޞްދުކުރާކަމަށެވެ.

މި ދަޢުވާތަކަކީ 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ

އަހަރާ ހަމައަށް ކުންފުނިތަކުން ހުށަހެޅި ޓެކްސް ބަޔާންތަކުގައި ދޮގު މަޢުލޫމާތު ހިމަނައި

އޮޅުވާލާފައިވާތީ ކޮށްފައިވާ ދަޢުވާތަކެއްކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް