އަލްހާން ފަހުމީ -
ކިންގްސް ކެޕިޓަލް ހޯލްޑިން އިން ހިންގި ސްކީމުގައި
ގެއްލުންވި ފަރާތްތަކަށް ނެތް ފައިސާއެއް ނުދެވޭނެކަން ޤަބޫލުކޮށް އިތުރު ވަގުތު
ދިނުމަށް އަލްހާން ފަހުމީ އެ ސްކީމްގެ ބައިވެރިންގެ ކިބައިން އެދިއްޖެއެވެ.
އަލްހާން މިހެން ބުނެފައިވަނީ މިއަދު ނެރުނު
ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އަލްހާން ބުނެފައިވަނީ ކިންގްސް ކުންފުނިން
ކުރި މި ވިޔަފާރި ބަރާބަރަށް ހިންގަމުން ދަނިކޮށް، ބޭންކް އޮފް މޯލްޑިވްސް އިން ކިންގްސްގެ
އެކައުންޓުތައް ބަންދުކޮށް ވިޔަފާރި އަށް ހުރަސް އެޅި މައްސަލާގައި ކިންގްސް ކުންފުނިން
ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ކުރި ދަޢްވާގައި ، ޝަރީޢަތުން ކަނޑައަޅާފައިވަނީ
، ބޭންކުން އެކަން ކުރީ ޤާނޫނާ ޚިލާފަށް ކަމަށާއި، އެކަމުން ލިބުނު ގެއްލުމަށް ބޭންކުގެ
މައްޗަށް ދައްވާ ކުރުމުގެ ޙައްޤު ކިންގްސް ކުންފުންޏަށް އޮތްކަމަށް ކަމަށާއި މައްސަލަ
މިހާރު އޮތީ ބޭންކުން އިސްތިއުނާފުކޮށްގެން ދިވެހި ރާއްޖޭގެ ހައި ކޯޓުގައި ކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިކަމުގެ ސަބަބުން
ލިބުނު ގެއްލުން ގާތްގަނޑަކަށް 300 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު، އަދި މިގެއްލުމަށް
ބޭންކޮ އޮފް މޯލްޑިވްސް އިން ފުރިހަމައަށް ޒިންމާ އުފުލަންޖެހޭނެކަމަށް އަޅުގަނޑު ދެކެން،
އިންސާފުވެރި ޝަރާޢަތަކުން މިނޫން ގޮތަކަށް މިކަން ބަދަލުވެދާނެކަމަކަށް އަޅުގަނޑު
ނުދެކެން" އަލްހާން ބުނެފައިވެއެވެ.
އަލްހާން ބުނެފައިވަނީ އެކަމުގެ ސަބަބުން ކިންގްސް ކުންފުނި
އޮތީ ބަނގުރޫޓުވެ، ޝަރުޢީ ނިޒާމުގެ ތެރޭގައި ތާށިވެފައިކަން ބައިވެރިންނަށް އެނގިވަޑައިގަންނަވާނެ
ކަމަށެވެ. އަދި ގެންލުންވީ ފަރާތްތަކުގެ ތެރެއިން މިހާރު ފައިސާ ނުދެވި ވާ ފަރާތްތަކަށް
ފައިސާ ދެވޭނެ ގޮތެއް ހޯދޭނީ މިމައްސަލައިގައި ޝަރީޢަތުގެ ފަހުގެ ނިންމުން ނިމުމުން
ކަމުގައި ބުނެފައިވެއެވެ.
"ކިންގްސް ކެޕިޓަލް ހޯލްޑިންގްސްގެ މި ވިޔަފާރިއާއި
ގުޅުންހުރި އެއްވެސް މައްސަލައެއްގައި ، އެއްވެސް ބޭފުޅަކު ، ދަޢްވާ ކުރައްވާއިރު ،
ކުރިން މިކުންފުނީގެ ސްލީޕިންގ ޕާރޓްނަރެއްގެ ގޮތުގައި ހުރި އަޅުގަނޑުގެ ކޮއްކޮ ، ސަހުބާނު
ފަހުމީ އަކީ މިހާރު މިކުންފުނީގެ އެއްވެސް ހިއްސާއެއް އޮންނަ ، އަދި މިކުންފުނީގެ އެއްވެސް
ކަމަކާ ބެހޭ މީހަކަށް ނުވާތީ ، އޭނާގެ މައްޗަށް އެއްވެސް ފަރާތަކުން މިކަމުގައި ދަޢްވާ
ނުކުރެއްވުން އެދޭކަމަށާއި އަދި ކިންގްސް ކެޕިޓަލް ހޯލްޑިންގސްގެ ހަމައެކަނި ހިއްސާދާރަކީ
އޭނާ އެކަނި ކަމުގައިވެސް ބުނެފައިވެއެވެ.
"މިކަމަކީ އަޅުގަނޑު ރާވައިގެން ބަޔަކަށް ގެއްލުންދީ
އަމިއްލަ މަންފާއެއް ހޯދަން ކުރިކަމަކަށް ނުވާހިނދު، އަދި އެކަން ހުއްޓި ބައިވެރިންނަށް
ފައިސާ ނުދެވުނީ ، ދައުލަތުން އެކި ޤާނޫނާ ޚިލާފު ފިޔަވަޅު އަޅާ، ހުއްޓުވުމުން ކަން،
ސާފުކޮށް އެނގޭއިރު، އަޅުގަނޑުގެ މައްޗަށް އިތުރު ދަޢްވާތަކާއި މައްސަލަތައް ދައުލަތުގެ
މުއައްސަސާތަކަށް ހުށަނާޅުއްވާ، މިމައްސަލައާއި މެދު ޝަރީޢަތުން ގޮތެއް ނިމެންދެން
ވަގުތު ދެއްވުމަށް އާދޭހޭއެކު ބައިވެރިންގެ އަރިހުން އެދެން" އަލްހާން
ބުނެފައިވެއެވެ.
އަދި ހުކުންތަކެއް ކުރިޔަސް، ބަދުނާމުކޮށް ޖަލަށް ލިޔަސް،
އަސްލު މައްސަލަ ހައްލު ނުވާނެކަމާއި ނެތް ފައިސާއެއް ނުދެވޭނެކަން ޤަބޫލުކުރައްވާ،
އިތުރަށް ދަތިވާގޮތަށް ފިޔަވަޅު ނާޅުއްވާ އަޅުގަނޑަށް އެއްބާރުލުން ދެއްވުން ހުރިހާ
ބައިވެރިންގެ އަރިހުން އެދޭކަމަށްވެސް ބުނެފައިވެއެވެ.
"އަދި މިހާރު މިފަދަ ދަޢްވާއެއް
މައްސަލައެއް ހުށަހަޅުއްވާފައިވާނަމަ، އަނބުރާ ނަންގަވާ އަޅުގަނޑަށް އެއްބާރުލުން ދެއްވާ
ވަގުތުދެއްވުން އެދެން" އޭނާ ބުނެފައިވެއެވެ.
އަލްހާން އިތުރަށް ބުނެފައިވަނީ އޭނާގެ ކުންފުނިން ހިންގީ
ޕޮންޒީ ސްކީމެއް ކަމަށް ބުނެ ނޫސްތަކުގައި ރިޕޯޓުކުރާ ފަރާތްތަކުން ލިޔަމުން ދާތީ ،
އެގޮތަށް ޚަބަރު ފަތުރާ މީޑިއާ ތަކުގެ މައްޗަށް އަބުރުގެ ދަޢުވާވެސް ކުރާނެ
ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް